ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތާ ހަވާލުކޮށްފި އެވެ.
ނަމަވެސް ބީލަން ކާމިޔާބުކޮށް އެވޯޑުކުރި ފަރާތެއް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ބީލަން ކާމިޔާބު ކުރި ފަރާތް ހާމަ ކުރާނީ ފަސް ދުވަސް ފަހުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެ މިނިސްޓްރީން ބުންޏެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށެވެ. އަދި އެ އެއާޕޯޓް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއާޕޯޓްގެ ޓާމިނަލް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އެ އެއާޕޯޓްގެ މަސައްކަތް ނިމޭއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް ތަރައްގީވެފައި ހުންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އެ އެއާޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ޓޫރިޒަމްގެ ސިނާއަތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަނެއް ގާއިމުކުރުމާއި އެއާޕޯޓުގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަޙައްދުތައް ޒަމާނީ ވައްޓަފާޅިއަށް ތަރައްގީކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ގަން އެއާޕޯޓު މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެއީ މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކޮށްދޭނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް ސަރުކާރުން ހާމަކުރެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ