އައްޑޫ ސިޓީން މިރޭ ބޮޑު މަންޒަރު ދައްކާލާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ނިންމުމުގެ ޖަލްސާ މިރޭ އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް އައްޑޫން އޮތް ތާއީދު ދައްކާލުމަށްޓަކައި އެ މަނިކުފާނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ރައީސް ސޯލިހުގެެ ކެމްޕޭން ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ.
އެމްޑީޕީގެ ޕްރައިމްރީގައި ވާދަކުރައްވާ ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވޯޓުހޫދާނެ ގޮތާއި ޕްރައިމަރީ ކާމިޔާބު ކުރާނެ ފޯމިއުލާ އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ސޯލިހުވަނީ މީގެ ކުރިންވެސް ޕްރައިމަރީ ކެޕްމެއިންގައި އައްޑުއަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އައްޑޫ ތަރައްގީ ނުކޮށް ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ. އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުހެން އެމަނިކުފާނު އެހެން ވިދާޅުވެފައިވެ އެވެ. ނަމަވެސް ޕްރަިއމަރީގައި ރައީސް ސޯލިހާއި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އައްޑޫއަށް ރައީސް ސޯލިހުގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.