އެމްސްޓާޑަމް (26 ޖެނުއަރީ) - ސްވިޑަންގައި ކުރިއަށް ދިޔަ މުޒާހަރާތަކުގެ ތެރެއިން ކީރިތި ގުރުއާނުގެ ކޮޕީއެއް އަންދާލާފައި ވަނިކޮށް ނެދަލޭންޑްސްގައި ވެސް ގުރުއާނަށް އިހާނެތިކޮށް ހިތައިފި އެވެ.

އެގޮތުން ނެދަލޭންޑްސްގައި ހަރަކާތްތެރިވާ ޖަރުމަނުގެ ހައްދުފަހަނައަޅާފައިވާ އެންޓި އިސްލާމިކް ގްރޫޕެއްގެ ލީޑަރު ވަނީ އާއްމު ތަނެއްގައި މާތްވެގެންވާ ގުރުއާންގެ ސަފްހާތައް ވީދައި ކުދިކުދި ކޮށްފަ އެވެ.

މި ހަޑި އަމަލު ކުރިއިރު ގިނަ ބަޔަކު އެ މަންޒަރު ވީޑިއޯ ކުރަމުން ދިޔަ އެވެ. އަދި ކައިރީގައި ފުލުހުން ވެސް ހަރަކާތްތެރިވި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން ޑްވިން ވެގެންސްވެލްޑް ނަމަކަށް ކިޔާ އެމީހާ ވަނީ ގުރުއާނުގެ ސަފްހާތައް ވީދައި މަގުމައްޗަށް އަޅައި އޭގެ މައްޗަށް ފައިން ވެސް އަރާފަ އެވެ.

ނެދަލޭންޑްސްގައި ހިންގި މި ނުބައި އަމަލު އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއާ، ކުވެއިތު، އުރުދުން ގަތަރު އަދި މިސްރު ވެސް ހިމެނެ އެވެ.

ސައޫދީ އަރަބިއާގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނެދަލޭންޑްސްގައި ހިންގި އެ އަމަލަކީ ހަޑިހުތުރު އަމަލެއް ކަމަށާއި ގުރުއާނަށް އިހާނެތިކޮށް ހިތުމަކީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ އިހްސާސްތަކާ ކުޅުން ކަމަށެވެ.

ސްވިޑަންގައި ހިންގި މި ޒާތުގެ އަމަލާއެކު ތުރުކީއިން ވަނީ ސްވިޑަންއާ ގުޅިގެން އެގައުމުން ހުށައަޅާފައިވާ ނޭޓޯ ބިޑުން އެގައުމުގެ ނަން އަނބުރާ ގެންގޮސް ދެން އެކަމުގައި ތުރުކީގެ ތާއީދު ނުލިބޭނެ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ