2001 ވަނަ އަހަރުގައި ނެރުނު ޑްރާމާ ސިލްސިލާ "ކަސޯޓީ ސިންދަގީކީ" ނުދަންނަ މީހަކު މަދުވާނެ އެވެ. އެ ފިލްމުގެ ކާމިޔާބީއާ އެކު ފިލްމުގެ ކާސްޓުންނާއި ތަރިންގެ ރޯލުތައް ގިނަ ބަޔަކަށް ހަނދާން ހުންނާނެ އެވެ.

ފިލްމުގައި ބަތަލާ އާއި ބަތަލުގެ ރޯލު ކުޅެދިން ތަރިންގެ އިތުރުން އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނު އެއް ރޯލަކީ ވިލެންގެ ރޯލެވެ. ކަސޯޓީގައި ވިލެންގެ ރޯލު ކުޅެދިން ކޮމޮލިކާގެ ރޯލާއި އޭނާގެ އަންދާޒަކީ މިއަދުވެސް ބައެއް ޝޯތަކުގައި ނަކަލުކޮށް ހަނދާންކުރެވޭ އެއްޗެކެވެ.

ހަމައެހެންމެ މި ރޯލު ކުޅެދިން އުރްވަޝީ ދޮލާކިއާ ނުދަންނަ މީހަކުވެސް މަދުވާނެޔޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ގިނަ ބަޔަކަށް އުރްވަށީ އެނގިގެންދަނީ ވެސް އޭނާ ކުޅެދިން ރޯލު، ކޮމޮލިކާ އިންނެވެ.

ނަމަވެސް މިއީ އުރްވަށީ އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. އުރްވަޝީ ބުނިގޮތުގައި އޭނާ އަބަދުވެސް އެކިކަހަލަ ޑްރާމާތައް ކުޅޭހިތްވެ އެވެ. އަދި ވިލެންގެ ރޯލުގެ އިތުރުން ވެސް އެހެނިހެން ރޯލުތައް ކުޅެން ބޭނުންވި ކަމަށާއި، އެހެންނަމަވެސް ކޮމޮލިކާގެ ރޯލު ކުޅުނު ފަހުން އެފުރުސަތު އޭނާއަށް ނުލިބޭކަމަށް އުރްވަށީ ބުންޏެވެ. އުރްވަށީ ބުނީ ކަސޯޓީއަށްފަހު އޭނާއަށް ކުޅެން ލިބެނީ ހަމައެކަނި ނެގެޓިވް ރޯލުތައް ކަމަށެވެ.

ހަމައެހެންމެ ކޮމޮލިކާއަށް އިޝްތިހާރު ކުރަން ފުރުސަތުތައް ލިބޭ ކަމަށާއި، ކޮންމެ އިޝްތިހާރެއްގައި ވެސް އޭނާގެ ގާތުގައި ބުނަނީ ކޮމޮލިކާގެ ރޯލުދައްކުވައިދޭ ފަދައިން ފެނިގެންދިއުމަށް ކަމަށް އޭނާ ބުންޏެވެ.

އުރްވަޝީއަށް އޭނާގެ ފިލްމީ ކެރިއަރުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ ކަސޯޓީންނެވެ. އަދި އޭގެ ސަބަބުން އާންމުންގެ މެދުގައި އޭނާ މަގުބޫލު މީހަކަށް ވެގެންދިޔަ އެވެ.