ޑެންމާކުގައި ކީރިތި ގުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ކީރިތި ގުރުއާން އަންދާ، މުސްލިމުންނަށް ފުރައްސާރަ ކޮށްފައި ވަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ސްވިޑަންގެ ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށްވާ ރަސްމުސް ޕެލުޑާން އެވެ.

ސްވިޑެންއާއި ޑެންމާކަށް ނިސްބަތްވާ ޕެލުޑާންއަކީ މުސްލިމުންނަށް ފުރައްސާރަކުރުމާއި، މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ރެކޯޑެއް އޮންނަ މީހެކެވެ.

މިމައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގޭ މިފަދަ އަމަލުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިޙްސާސްތަކަށް ގެއްލުންދޭ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއްކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ހިންގޭ މިފަދަ އަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތްތަކަށް ބުރު އަރާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގެ ސުލްހަމަސަލަސްކަމަށް ހުރަސްއެޅި، ނަފްރަތާއި ހަރުކަށި ފިކުރު އިތުރުކުރުވުމަށް މަގުފަހިވާކަމަށްވެސް އެބަޔާނުގައިވެ އެވެ.

ޑެންމާކުގެ ކޯޕަންހޭގަންގައި، ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއެއްފެ ލީޑަރުކަމަށްވާ ރަސްމުސް ޕެލުޑާން ފުރަތަމަ ކީރިތި ގުރުއާން ފޮތުގައި ރޯކޮށްލާފައި ވަނީ ޑެންމާކުގެ ވެރިރަށް ކޯޕެންހާގަންގައި ހުންނަ މިސްކިތެއްގެ ކުރިމަތީގަ އެވެ. އެއަށްފަހު އޭނާ ވަނީ ކޯޕެންހާގަންގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި އިތުރު ގުރުއާން ފޮތުގައި ހުޅުޖަހާފަ އެވެ.