ގުޅީފަޅުގައި ވިޔަފާރި ބަނަދަރު ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްފި އެވެ.

ބޮސްކާލިސްއާ ހަވާލާދީ, ވިޔަފާރި ހަބަރުތައް ގެނެސްދޭ މާކެޓްވޮޗް ވެބްސައިޓުގައި ބުނެފައިވަނީ ގުޅިފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 130.4 މިލިއަން އެމެރިކާ ޑޮލަރު (1.99 ބިލިއަން ރުފިޔާ) އަށް ކަމަށެވެ.

ގުޅިފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރި އިރު, އެ މަސައްކަތަށް ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއްވެސް ނަގައިފަ އެވެ. އޭބީއެން އަމްރޯ ބޭންކް, އޭކޭއޭ ބޭންކް އަދި އައިއެންޖީ ބޭންކާއެކު އެ ލޯން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބޮސްކާލިސް އާ ހަވާލުކޮށްގެން 192 ހެކްޓަރުގެ ބިން ވަނީ މީގެ ކުރިން ހިއްކައިފަ އެވެ. އެ މަސައްކަތް ބިޑަކާ ނުލާ އެ ކުންފުންޏާ ހަވާލުކުރީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އަށެވެ

މީގެ އިތުރުން އެމްޓީސީސީއާ ހަވާލުކޮށްގެން ވެސް ގުޅިފަޅުން ބިން ހިއްކާފައިވެ އެވެ. އެގޮތުން 80،000 ކިއުބިކް މީޓަރުގެ ބިން ހިއްކާފައިވަނީ 8.9 މިލިއަން ރުފިޔާ އަށެވެ..

ގުޅީފަޅު ހިއްކުމަށް ފަހު، މާލޭގެ ރައްޔިތުންނަށް އެ ތަނުން ބިން ދޫކުރަން ނިންމާފައިވާއިރު މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަކީ ވެސް މި ސަރުކާރުން ނިންމާފައިވާ ކަމެކެވެ.