ޕޮލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު އެޑަމް ބްރަކޮވްސްކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތްކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ޕޮލެންޑުގެ ސަފީރަށް މަރުޙަބާއާ ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ޕޮލެންޑުގެ ގުޅުން ބަދަހި ކުރެއްވުމަށް ޕޮލެންޑުގެ ސަފީރު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ސަފީރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ޕޮލެންޑުގެ ސަފީރު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހާއްސަކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއާއި ޕޮލެންޑުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި، ސިވިލް އޭވިއޭޝަން އަދި، މީހުން ބިނާކުރުމާއި، މޫސުމީ ބަދަލުކަތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފަ އެވެ.

ޕޮލެންޑުގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި، ރައީސް ވަނީ ދެގައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ. އަދި، ކުރިޔަށްއޮތް ތަނުގައި ޕޮލެންޑުގެ ސަފީރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއާއި ޕޮލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ އޮކްޓޫބަރު 1، 1984 ގަ އެވެ.