ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީ އަށް އިންތިހާބުކޮށްފި އެވެ.

ބައްސާމް އެކްސްކޯގެ މެންބަރުކަމަށް ހޮވިފައިވަނީ ބަހްރެއިންގައި މިއަދު ކުރިއަށްދިޔަ އިންތިހާބުގައި 47 ގައުމެއްގެ މަންދޫބުންނާ ވާދަކުރަށްވައިގެންނެވެ.ބައްސާމު އިންތިހާބުވެފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް، 2023- 2027އަށް އިންތިހާބުކުރި އެގްޒެކްޓިވް ކޮމިޓީއަށް ރާއްޖެ ހިމެނޭ ސައުތު އޭޝިއާ ސަރަހައްދު ންނެވެ.

މިއަދު ބޭއްވި ކޮންގްރެސްގައި އޭއެފްސީގެ ރައީސަކާއި ފަސް ޒޯނަކަށް ބަހާލައިގެން އޭއެފްސީގެ ނައިބު ރައީސުންނާއި ފީފާގެ ހަ ކައުންސިލް މެމްބަރުން އިންތިހާބު ކުރާނެއެވެ.

އޭގެ އިތުރުން އޭއެފްސީ އަންހެން އެގްޒެކްޓިވް ކޮމިޓީއަށް ފަސް މެމްބަރުން އިންތިހާބު ކުރުންވެސް މިއަދު އޮންނާނެ އެވެ.

މިހާރު ކުރިއަށްދާ ކޮންގްރެސްގައި ފީފާގެ ރައީސްގެ އިތުރުން ފުޓްބޯޅައިގެ ދާއިރާގެ ދުނިޔޭގެ ފެންވަރުގެ ފާހަގަ ކޮށްލެވޭ ފަރާތްތައް ދަނީ ބައިވެރިވަމުންނެވެ.

ބައްސާމް ވެގެންދާނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާނެ ތިން ވަނަ ދިވެއްސަށެވެ. އަނެއް ދެ ބޭފުޅުންނަކީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދެވެ.

އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީއަށް ބައްސާމް ހޮވިވަޑައިގެންނެވި އިރު ރާއްޖޭގައި އެފްއޭއެމްއަށް ވަނީ ވަރަށް ބޮޑެތި މައްސަލަތައް ދިމާވެފަ އެވެ. މާލީ ހާލަތު ދަށަށް ގޮސް، ބިލްތައް ނުދެއްކިގެން ވެސް މި ފަހުން އުޅެން ޖެހުނެވެ. އެކަމަކު އެފްއޭއެމުން ބުނެފައި އޮތީ އެކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށެވެ.