ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ކައިރީގައި ފޯނު ނަގާ ނޮޓިފިކޭޝަންތަކާއި އީމެއިލްތައް ޗެކް ކުރުން ހެއްޔެވެ؟

ގިނަ މީހުންގެ އާއްމު އާދައަކަށް ވެފައިވާ މި ކުޑަކުޑަ އާދައިގެ ސަބަބުން ހިތުގެ ސިއްހަތަށް ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ ކަމަށް ކާޑިއޮލޮޖިސްޓުން އިންޒާރުދެ އެވެ. މިފަދަ އާދަތަކުން ހަށިގަނޑަށާއި ހިތަށް ލިބޭ ގެއްލުންތަކަކީ ކޮބައި ހެއްޔެވެ؟

ސްޓްރެސް އާއި ކޯޓިސޯލް މައްޗަށް ދިއުން

ހޭލައިގެން ހަމަޖެހިލައިގެން ތެދުވުމުގެ ބަދަލުގައި، ފޯނުން ފެންނަ ހަބަރުތަކާއި މަސައްކަތުގެ އީމެއިލްތަކުގެ ސަބަބުން ކުއްލިއަކަށް ސިކުނޑިއަށް ބާރުބޮޑުވެ އެވެ. މިއާއެކު ހަށިގަނޑުގައި "ކޯޓިސޯލް" އަދި "އެޑްރެނަލިން" ފަދަ ސްޓްރެސް ހޯމޯންތައް އުފެދޭ މިންވަރު ކުއްލިއަކަށް މައްޗަށްދެ އެވެ.

ހިތުގެ ވިންދާއި ލޭގެ ޕްރެޝަރަށް ކުރާ އަސަރު

ހެނދުނުގެ ވަގުތަކީ އާންމުކޮށްވެސް ހަށިގަނޑުގެ ހަކަތަ މަތިވެ، ލޭގެ ޕްރެޝަރު ކޮންމެވެސް ވަރަކަށް ބަދަލު ވަމުންދާ ވަގުތެކެވެ. މި ވަގުތު ފޯނުން ލިބޭ ކަންބޮޑުވާފަދަ ހަބަރެއްގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މެދުވެރިވެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮންމެ ދުވަހަކު މިކަން ތަކުރާރުވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ހުރަސްއެޅުން

ދުވަސް ފަށާއިރު ފޯނުގެ ތެރެއަށް ގެއްލިގެން ދިއުމުން، މީހާގެ ސަމާލުކަން ގެއްލި، މުޅި ދުވަހަށް ނަފްސާނީ ހަމަޖެހުން ގެއްލިގެންދާން މެދުވެރިވެ އެވެ. މިއީ ސިކުނޑިއަށް ބޭނުންވާ އަރާމު ނުލިބި، ދުވަހުގެ މަސައްކަތްތަކަށް ވެސް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ.

މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

  • ހެނދުނު ހޭލައިގެން ފުރަތަމަ 30 މިނެޓު ވަންދެން ފޯނު ނުބެލުން.
  • ހޭލާފައި ފުން ނޭވާލުމުގެ ކަސްރަތު ކުރުމާއި ނުވަތަ މެޑިޓޭޓް ކޮށްލުން.
  • ފޯނުގެ އެލާމްގެ ބަދަލުގައި އާދައިގެ އެލާމް ގަޑިއެއް ބޭނުން ކުރުން.
  • ހެނދުނުގެ ވަގުތު ސޯޝަލް މީޑިއާއާއި އީމެއިލްތަކުން އެއްކޮށް ދުރުހެލިވެ، ސިކުނޑިއަށް ހަމަޖެހުން ހޯދައިދިނުން.