ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަބްދުﷲ ފަޔާޒުގެ މަގާމުގެ ފެންވަރު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ސީނިއާ މިނިސްޓަރުގެ ފެންވަރުގައި މިވަގުތު އެ އޮފީހުގައި ހުންނެވީ ފަޔާޒު އެކަންޏެވެ.
ފަޔާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ސީނިއާ މިނިސްޓަރުގެ ފެންވަރަށް އެއްވެސް ބޭފުޅަކު ޕްރޮމޯޓުކޮށްފައި ނުވާއިރު، މި ވެރިކަމުގެ ފުރަތަމަކޮޅު ރައީސްގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް އައްޔަނުކުރެއްވި މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހުންނެވީ އެ ފެންވަރުގަ އެވެ.
ސީނިއާ މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގައި ބޭފުޅުން ބައިތިއްބަވަން އެންމެ ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭރު އެ މަގާމު ފުރުއްވި ބޭފުޅުންގެ ތެރޭގައި ފަތުހުﷲ ޖަމީލާއި، އަބްދުﷲ ހަމީދު އަދި އުމަރު ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ މުއްދަތުގައި އެ ފެންވަރަށް އެއްވެސް ބޭފުޅެއްގެ މަގާމު މަތިކޮށްފައެއް ނުވެ އެވެ.
މެންދުރު ގަދައަށް ކާލުމުން ނިދި އަންނަނީ ކީއްވެ؟