އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްދޭ އެންއޭޓީއެސް އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ސެޕްޓެމްބަރު 8 ވަނަ ދުވަހު އެ ގައުމުގެ މުހިއްމު އެއާޕޯޓްތަކުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ. މިއީ އިނގިރޭސިވިލާތުގެ އޭވިއޭޝަން އިންފްރާސްޓްރަކްޗާގެ ވަރުގަދަކަމާ މެދު ސުވާލު އުފެދުނު ހާދިސާއެކެވެ.
ސަތޭކައަށްވުރެ ގިނަ ފްލައިޓްތައް ކެންސަލްވެ، އެތައް ސަތޭކަ ފްލައިޓެއް ލަސްވުމާ ގުޅިގެން، މީގެ ތިން އަހަރު ކުރިން ފްލައިޓް ޕްލޭން ޕްރޮސެސް ކުރުމަށް ދިމާވި މައްސަލައަށްފަހު، އެންއޭޓީއެސް އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތައް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ.
ގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި އެއާޕޯޓްތަކުގައި ފަސިންޖަރުން މަޑުކޮށްގެން ތިބިއިރު، އެއާލައިންތަކުން ވަނީ ގައުމުގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަކީ މިފަދަ ހިދުމަތަކަށް އެކަށީގެންވާ ނިޒާމެއްތޯ ސުވާލު އުފައްދާފަ އެވެ. އެންއޭޓީއެސް އިން ބުނި ގޮތުގައި ފްލައިޓް ޑޭޓާ ޕްރޮސެސްކުރާ ނިޒާމަށް ދިމާވި މި މައްސަލަ މިހާރު ވަނީ ހައްލުކުރެވިފަ އެވެ.
މީގެ ކުރިން އެ އިދާރާއިން ބުނެފައިވަނީ މި ހާދިސާގައި ދަތުރުފަތުރުގެ ރައްކާތެރިކަމަށް އެއްވެސް ބުރޫއެއް އަރާފައިނުވާނެ ކަމަށެވެ.
"ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ހީކުރި ވަރަށްވުރެ ގިނަ ވަގުތު ނެގި. ނަމަވެސް މިހާރު ސިސްޓަމް ވަނީ އާންމު ހާލަތަށް ރުޖޫއަވެފައި. އަދި ދަތުރުތައް އަލުން ތަރުތީބުކޮށް، މެދުކެނޑިފައިވާ ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދަނީ،" އެންއޭޓީއެސް އިން އެކްސްގައި ހާމަކޮށްފައިވެ އެވެ.
ސަތޭކައަށްވުރެ ގިނަ ފްލައިޓް ލަސްވެ، ގިނަ ދަތުރުތަކެއް ކެންސަލްވުން
ސެޕްޓެމްބަރު 8 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ހީތުރޯ ހިމެނޭހެން، ގާތްގަނޑަކަށް އެއްހާހެއްހާ ފްލައިޓްގެ ދަތުރުތަކަށް ބުރޫއެރި އެވެ. ފްލައިޓް އަވެއާ އިން ހާމަކުރި ގޮތުގައި ހީތުރޯ، ގަޓްވިކް، ލަންޑަން ސިޓީ، ލޫޓަން، އެޑިންބަރާ އަދި ބްރިސްޓަލް ހިމެނޭހެން ހަ އެއާޕޯޓަކުން ފުރަން ހަމަޖެހިފައިވާ 490 އެއްހާ ފްލައިޓް ވަނީ ލަސްވެފަ އެވެ.
މީގެ އިތުރުން، އެ ހަ އެއާޕޯޓަށް ޖައްސަން އޮތް 525 ފްލައިޓެއް ކެންސަލްވުން ނުވަތަ ލަސްވި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ހީތުރޯ އެއާޕޯޓަށް ޖައްސަން ހަމަޖެހިފައި އޮތް 661 ފްލައިޓްގެ ތެރެއިން 38 ފްލައިޓެއް ކެންސަލް ކުރަން ޖެހުނު ކަމަށް އޭވިއޭޝަން އެނަލިޓިކްސް ކުންފުނި ސީރިއަމް އިން ބުނެ އެވެ.
މި ހާދިސާގެ އަސަރު އެންމެ ބޮޑަށް ކުރީ ބްރިޓިޝް އެއާވޭސް އަށެވެ. އެ އެއާލައިނުން ފުރަން އޮތް 333 ފްލައިޓްގެ ތެރެއިން 16 ފްލައިޓެއް ކެންސަލް ކުރަން ޖެހުނެވެ.
ޔޫރަޕްގެ ކުއި އެއާލައިން ނެޓްވޯކް
ޔޫރަޕްގެ ވައިގެ ސަރަހައްދަކީ އިންތިހާއަށް ދަތުރުފަތުރު ގިނަ ސަރަހައްދަކަށްވުމުން، އެއާ ޓްރެފިކް ކޮންޓްރޯލަކީ ވަރަށް ފަރުވާތެރިކަމާއެކު ވަގުތަށް ބަލައިގެން ހިންގާ ނިޒާމެކެވެ.
އޭވިއޭޝަން އެނަލިސްޓް ޖޯން ސްޓްރިކްލޭންޑް ވިދާޅުވި ގޮތުގައި، ކުޑަ ވަގުތުކޮޅަކަށް ހިދުމަތް މެދުކެނޑުނު ކަމުގައިވިޔަސް، އޭގެ ނޭދެވޭ އަސަރު މުޅި އެއާލައިން ނެޓްވޯކަށް ވަރަށް ބޮޑަށް ކުރެ އެވެ. "މަދު ގަޑިއިރުތަކަކަށް ހިދުމަތް މެދުކެނޑުމަކީ ބަލާބެލުމަށް ކުޑަ ކަމެއްހެން ހީވި ނަމަވެސް، އިނގިރޭސިވިލާތުގެ ގިނަ އެއާޕޯޓްތަކަކަށް މީގެ އަސަރު ފޯރުމުން އޭގެ ނަތީޖާ ވަރަށް ނުރައްކާތެރިވާނެ،" އޭނާ ވިދާޅުވި އެވެ.
ރަޔަން އެއާ އިން ބުނި ގޮތުގައި އެ އެއާލައިންގެ 65,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އަށް ގަޑިއިރާ ހަމައަށް ދަތުރުތައް ލަސްވުމުގެ ދަތިކަން ކުރިމަތިވި އެވެ. އަދި 50 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ޖެހުނުއިރު، އެންއޭޓީއެސް ގެ ޗީފް އެގްޒެކެޓިވް މާޓިން ރޯލްފް އިސްތިއުފާ ދިނުމަށް އެ އެއާލައިނުން ވަނީ ގޮވާލާފަ އެވެ.
ވިޒް އެއާ އިން ވެސް ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް އަވަސް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލާފަ އެވެ. އެ އެއާލައިނުން ބުނި ގޮތުގައި ސިސްޓަމަށް ދިމާވާ މައްސަލަތަކުގެ ތަކުލީފު އެއާލައިންތަކާއި، ފަސިންޖަރުން އަދި އެއާޕޯޓްތަކުން ތަކުރާރުކޮށް އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އިނގިރޭސިވިލާތުގެ އޭވިއޭޝަން ރެގިއުލޭޓަރީ އިދާރާއިން ބުނީ ސެޕްޓެމްބަރު 8 ގައި ހިނގި ހާދިސާގެ ފުރިހަމަ ރިޕޯޓެއް އެންއޭޓީއެސް އިން ހުށަހަޅާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ރިޕޯޓަށް ބެލުމަށްފަހު، އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމުގެ އިތުބާރު ކަށަވަރު ކުރުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
2024 ވަނަ އަހަރު ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ބުނެފައިވަނީ، އޭގެ އެއް އަހަރު ކުރިން ފްލައިޓް ޕްލޭންތައް އޮޓޮމެޓިކުން ޕްރޮސެސްކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އިނގިރޭސިވިލާތުގެ އެއާޕޯޓްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެން، ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އަމަލުކުރާނެ އިތުރު ރޭވުންތައް އެންއޭޓީއެސް އިން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.
އެއާލައިންތަކުގެ އިސްވެރިން ހާމަކުރި ގޮތުގައި، އެ ފަހަރު ހިދުމަތް މެދުކެނޑުމުގެ ސަބަބުން ފަސިންޖަރުންނަށް އަނބުރާ ދޭންޖެހުނު ފައިސާއާއި ބަދަލުގެ ގޮތުގައި 100 މިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ އެ ކުންފުނިތަކުން ހޭދަކުރަންޖެހުނެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހު، އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމުގެ ރާޑާ އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ލަންޑަނުގެ މައި އެއާޕޯޓްތަކާއި ހީތުރޯ ހިމެނޭހެން އެއާޕޯޓްތަކުގެ ފްލައިޓްތަކަށް ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތު ބުރޫއެރި އެވެ.
ސައޫދީއަށް ހޫސީން ދިން ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި
ހިޓާޗީގެ ހިއްސާއާއެކު އިންވެސްޓްމަންޓްތަކަށް ދަތިވޭ: ފަހުމީ
ނޯރާގެ މައްޗަށް 3 ކްރޯޑްގެ އަބުރުގެ ދައުވާއެއް އުފުލައިފި
