ސިޔާސީ މައިދާނަށް އަލުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހައްގުތައް ގެއްލިފައިވާތީ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވާ "ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތެރިވެ އުޅެން ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް އަލުން ސިޔާސީ މައިދާނަށް ނިކުންނަން ޖެހުނީ ކުރިން ހޯދާފައިވާ ހައްގުތައް ގެއްލުމުން ކަމަށެވެ.

ދިވެހިންނާ ހިސާބަށް ޑިމޮކްރެސީ އައިސްފައި ވަނީ ދިގު ދަތުރަކަށްފަހު ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެސީއަކީ ރައްޔިތުންގެ ފަރާތުން އަންނަ ރައްޔިތުންނަށް ލާބަ ހުރި ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. އަދި އެކަންކަން ހާސިލް ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުން އައިސް މި ސަރުކާރުގެ ކުރިން އައި ހަތް އަހަރު ރައީސް ޔާމީން އަދި އެމަނިކުފާނުގެވެސް ވެރިކަން ކުރައްވާފައިވަނީ ޑިމޮކްރެސީގެ އުސޫލުގެ ދަށުން ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.

ޑރ. ވަހީދު އިތުރަށް ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް ޔާމީނަކީ ރައްޔިތުންގެ ހައްގުތަކާއިގެން ތެދުވެވަޑައިގެން ހެޔޮ ވެރިކަމެއް ކުރެއްވުމަށް މަސައްކަތްކުރެއްވި ޒައީމެއް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މިއަދު ހުންނެވި ޖަލު ހުމެއް ތަންފީޒު ކުރައްވަން ކަމަށާއި އެއީ އިދިކޮޅުގެ ކޮންފަރެންސްއަށް ލިބިގެންދާ ހިތާމައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ވަހީދު ވިދާޅުވީ ހެޔޮ ވެރިކަމަކީ ނަޒާހަތްތެރި ވެރިކަމެއް ކުރުން ކަމަށާއި ވެރިކަން ހަވާލުކުރެވޭ މީހުން އެ ޒިންމާއާ ރަނގަޅަށް ހަވާލުވާން ޖެހޭ ކަމަށެވެ.