ބޮލީވުޑްގެ "ޑްރާމާ ކުއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ނެށުންތެރިޔާ ރާކީ ސާވަންތަށް ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އާދިލް ޚާން ބޭވަފާތެރިވެއްޖެ ކަމަށް ބުނެ ވާހަކަ ދެކެވެން ފަށައިފި އެވެ.

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތާއި ލޯބިވެރިޔާ އާދިލް ވަނީ ކައިވެނީގެ ގޮތުން ގުޅިފަ އެވެ. ކައިވެނީގެ ވާހަކަތަކަށް އާދިލް އިންކާރުކުރި ނަމަވެސް މަޝްހޫރު ތަރި ސަލްމާނުގެ ނުފޫޒުން ކައިވެނި ކުރިކަމަށް އާދިލް އެއްބަސްވި އެވެ.

އެހެން ނަމަވެސް ދާދި ފަހުން މީޑިއާތަކަށް މައުލޫމާތުދެމުން ރާކީ ވަނީ އޭނާގެ ކައިވެނި، ނުރައްކާތެރި ހާލަތެއްގައި އޮތް ކަމަށް ބުނެފަ އެވެ.

އެއްވެސް މީހަކު ރާކީ އާއި އާދިލްގެ ދެމެދަށް ވަންނަންވީ ސަބަބެއް އޭނާއަށް އެއްވެސް ގޮތަކަށް ސާފު ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ. ރާކީގެ މަންމަ މީގެ ދުވަސްތަކެއް ކުރިން މަރުވެފައިވާއިރު، އެކަމުގެ ހިތާމައިން އަދިވެސް ރާކީއަށް އަރައި ނުގަނެވި އުޅެނިކޮށް މިފަދަ ކަމަކާއި ކުރިމަތިލާން ޖެހުމުން އޭނާއަށް އިންތިހާއަށް އަސަރުކޮށްފައިވާ ކަމަށް ރާކީ ބުނެފައިވެ އެވެ.

ރާކީ އިތުރަށް ބުނީ އޭނާގެ ކައިވެނި ކޮންމެހެން ހަދާފައި ވެސް ސަލާމަތް ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އަދި މިވަގުތު އިތުރު މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށާއި، ވަގުތު ޖެހުމުން ހުރިހާކަމެއް ވެސް އާންމުންނަށް ހާމަކުރާނެ ކަމަށް ރާކީ ބުނެފައިވެ އެވެ.

ރާކީގެ މި ބަސްތަކާއެކު އާދިލް އޭނާއަށް ބޭވަފާތެރިވަނީ ކަމަށް އާންމުން ވަނީ ޔަގީންކޮށްފަ އެވެ. އަދި މިކަމަށް އާންމުން ދަނީ އާދިލްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.