ބޮލީވުޑްގައި ބޮޑު ތަރުހީބެއް ލިބުނު، "އާޝިގީ 3" ގެ ބަތަލާގެ ރޯލަށް ކުރިއަރަމުން އަންނަ ޒުވާން ތަރި ސާރާ އަލީ ޚާން ސޮއިކޮށްފައިވާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ފަހުކޮޅު މިފިލްމު އިއުލާންކޮށް މިފިލްމުގެ ލީޑް އެކްޓަރުގެ ރޯލަށް ހަމަޖައްސާފައިވަނީ މަޝްހޫރު ޒުވާން އެކްޓަރު ކާތިކް އާރިޔަން އެވެ.

ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އާއި ކާތިކް ކުރިން ވެސް އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. އެއީ މާ ބޮޑު ތަރުހީބެއް ނުލިބުނު 2020 ގެ "ލަވް އާޖް ކަލް" އެވެ. އެ ފިލްމުގެ މަސައްކަތްކުރި އިރު، އެ ދެ މީހުން ރައްޓެހި ވެސް ވި އެވެ.

"އާޝިގީ 3" ގެ ޑައިރެކްޝަނާ ހަވާލުވެފައިވާ އަނޫރާގް ބާސޫ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން އޮތް އެންތޮލޮޖީ ފިލްމު "މެޓްރޯ: އިން ދިނޯ" ގެ ކާސްޓްގައި ވެސް ސާރާ ފެނިގެންދާނެ އެވެ.

އަސަރު ގަދަ ލޯބީގެ ފިލްމުގެއް ގޮތުގައި ފާހަގަކޮށްލެވޭ "އާޝިގީ 3" އިއުލާންކުރުމާ އެކީ ވެސް އެ ފިލްމުގެ ބަތަލާއަކަށް ސާރާ ނަގަން ފޭނުންތަކެއް ޑިމާންކޮށްފައިވެ އެވެ.

ސާރާ އަލީ ޚާން

"އާޝިގީ 3" ސާރާ ނަގާފައިވާކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އޭގެ ޕްރޮޑިއުސަރު މުކޭޝް ބަޓް މިދިޔަ ޑިސެމްބަރު މަހު ބުނެފައި ވަނީ ފިލްމަށް ނަގާނީ މުޅިން އާ ބަތަލާއެއް ކަމަށެވެ. މި ފިލްމު އިއުލާންކުރި ތަންވަޅާ ދިމާކޮށް، ޓީވީ ބަތަލާ ޖެނިފާ ވިންގެޓް ފިލްމަށް ނެގިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ކާތިކް އާރިޔަން

"އާޝިގީ 3" ގެ މަސައްކަތް ފަށަން ނިންމާފައި ވަނީ އަނޫރާގްގެ "މެޓްރޯ: އިން ދިނޯ" ޑިސެމްބަރު 8 ގައި ގެނެސްދިނުމަށް ފަހު އެވެ.

އަޝީގީ އަކީ ރީތި ގިނަ ލަވަތަކެއް ވެސް ހިމެނުނު އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި އާޝިގީގެ ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. އަދި 2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައިން ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ.