ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފީޑު ފުލުހުންނާ ހިއްސާކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ ކުންފުނީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.
އެ އެއްބަސްވުމާއެކު ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރުތަކާއި އަޑުތައް ފުލުހުންނަށް ހިއްސާކުރާއިރު އެ އެއްބަސްވުމަކީ މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު އެމްއޯޔޫއެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ކުށް މަދު އަމާން ވެއްޓެއް ގާއިމުކުރުމާ އަދި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.