އަންނަ މޭ 1 ން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާއިރު ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމަށެވެ.

"މިދިޔަ އަހަރު މިމަގާމްގާ ހުރެ އަޅުގަނޑު ދެންނެވި ގޮތަށް ތައުލީމީ ދާއިރާގެ ޕޭހާމަނައިޒް ކުރިން. ދެންނެވި ތާރީޚުގައި، އެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައިން. މިއަހަރު ކުރިއަށް އޮތީ ސިއްހީ ދާއިރާ،" ރައީސް ސޯލިހު ވިދާޅުވި އެވެ. "އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 ން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ. އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ."

ރައީސް ވިދާޅުވީ އަންނަ މާޗު މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ވެސް އެ ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. އަދި ޕޭ ހާމަނައިޒްކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާއި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.