ބ. ކެޔޮދޫ ކިޔާ ފަޅު ރަށެއްގައި ވެލާތަކެއް ހިފައި، އެ އެއްޗެހި މަރާލައިގެން ތިއްބައި ފެނުނީ އެއަތޮޅު ކެންދޫއަށް ބައެއް ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފިއެވެ.

އީޕީއޭއިން ބުނީ ބ. އަތޮޅު ބަޔޮސްފިއާ ރިސާވް އޮފީހާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އަތުލައިގަތީ ކެންދޫއަށް ނިސްބަތްވާ ފަސް މީހެއް ކަމަށެވެ.

ފުލުހުންނާ ހަވާލާދީ ބ. އަތޮޅު ބަޔޮސްފިއާ ރިސާވް އޮފީހުން ބުނީ ކެޔޮދުއަށް ދިޔައިރު ވެލާތައް މަރާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑު އޮތް ކަމަށެވެ. އަދި މި ހުރިހާ ވެލައެއް ވެސް އޮތީ މަރާލައި، އޭގެ މަސްތަކާއި ވެލާ ކުނޑި ހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތައް ވެސް ނަގައި ފުޅިމަދު ފޮށިތަކަށް އަޅާފައިވާ ކަމަށް ބަޔޮސްފިއާ ރިސާވް އޮފީހުން ބުނެ އެވެ.

އީޕީއޭއިން ބުނިގޮތުގައި ފުލުހުން އެމީހުން ތިބި ތަނަށް ދިޔައިރު އެމީހުން ތިބީ ވެލާ މަސް ކައްކަންށެވެ. މި މައްސަލައިގައި ޝާމިލުވާ އެންމެންގެ ބަޔާން ނެގުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ. އަދި މި މައްސަލަ އިތުރަށް ބަލާނެ ކަމަށާއި، މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އީޕީއޭއިން ބުނެ އެވެ.