ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ގަޒިއްޔާއެއްގެ އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވެފައިވީ ނަމަވެސް، އެ ގަޒިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓު ފަތުހުﷲ މޫސާގެ ބަހުން އެނގޭ ކަމަށެވެ. އަދި އެ ގަޒިއްޔާގައި އިސްމެޖިސްޓްރޭޓް ފަތުހުﷲ އަމަލުކޮށްފައިވަނީ ޖިނާޢީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީން އިސް މެޖިސްޓްރޭޓު ފަތުހުﷲގެ މައްސަލައެއް ބަލަން ފެށީ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއްގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފަތުހުﷲގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ.