ހޮލީވުޑް ފިލްމަކުން ލިބުނު ފުރުސަތު ގެއްލުނީ އޭރު ޑައިރެކްޓަރު ކަރަން ޖޯހަރު ހަދަމުންދިޔަ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ"ގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާތީ ކަމަށް ބަޖާޖްގެ ނަމުން މަޝްހޫރު އިންޑިއާގެ އެކްޓަރު ރޯނިތު ރޯއި ބުނެފި އެވެ.
ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގައި ބަޖާޖްގެ ރޯލު ކުޅުނު އެކްޓަރު ރޯނިތު މިހެން ބުނެފައިވަނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ޝެހެދާޒާ"ގެ ޕްރޮމޯޝަނަށް ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވެ ކަޕިލް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
"ޝެހެދާޒާ"ގައި ލީޑްރޯލުން ފެނިގެންދާނީ މިހާރު އެންމެ މަގުބޫލު އެކްޓަރު ކާތިކް އާރިޔަން އާއި ކްރިތީ ސެނަން އެވެ.
މިހަފްތާގައި "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވެ ކަޕިލް ކުރި ސުވާލުތަކަށް ޖަވާބު ދެމުން ރޯނިތު ބުނީ އޭނާ އަށް ފުރުސަތު ލިބުނު ހޮލީވުޑް ފިލްމަކީ "އެވަޓާ" ގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ ކުރީގެ އަންހެނުން ކެތުރީން ބިގެލޯގެ 2012 ގެ ފިލްމު "ޒީރޯ ޑާކް ތާޓީ" އިން ކަމަށެވެ.
ޖެސިކާ ޗެސްޓެއިން އާއި ޖޭސަން ކްލާކާއި ޖޮއެލް އެޑްގާޓަން އަދި މާކް ސްޓްރޯންގް ފަދަ ތަރިން ހިމެނޭ ކްރައިމް ތުރިލާ އިން ރޯލެއް ލިބުނީ އޮޑިޝަނަކާ ވެސް ނުލައި ކަމަށް ބަޖާޖްގެ ނަމުން މަޝްހޫރުކަން ހޯދި އެކްޓަރު ބުންޏެވެ.
"ޒީރޯ ޑާކް ތާޓީ" އިން ގެއްލުނު ފުރުސަތާ ބެހޭ ގޮތުން ރޯނިތު އިތުރަށް ބުނީ އެ ފިލްމުގައި މަސައްކަތް ނުކުރެވުނީ އޭރު ކަރަންގެ 2012 "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ މަސައްކަތް ކުރަމުން ދިއުމުން ކަމަށެވެ.
"ޒީރޯ ޑާކް ތާޓީން އެއްވެސް އޮޑިޝަކާ ނުލައި ލިބުނު ރަނުގެ ފުރުސަތު އަހަންނަށް ގެއްލުނީ ސްޓޫޑެންޓް އޮފް ދި އިޔާ އަށް ސޮއިކޮށް އަހަރެންގެ ޑޭޓްތައް އެއްކޮށް ކަރަން އަށް ދީފައި އޮތީމަ. އެހެންވެ އޭނަ ގަބޫލެއް ނުވި، އޭގެ މަސައްކަތް ހުއްޓާލާފައި އަހަރެން ހޮލީވުޑްގެ ފިލްމަށް ދާކަށް،" ރޯނިތު ބުންޏެވެ.
އެ ފިލްމަކީ ވަރޫން ދަވަނާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ފިލްމެވެ.
"އަނެއްކޮޅުން ހޮލީވުޑަކީ އެ މީހުންގެ ފުރަތަމަ ޕްލޭންކުރާ ގޮތަށް ހިލާފަށް މަސައްކަތް އަލުން ޝެޑިއުލްކުރާ ބައެއް ވެސް ނޫން. އެހެންވެ ފިލްމުން ލިބުނު ފުރުސަތު ބޭނުން ހިފޭނެ ގޮތެއް ނެތީމަ ދޫކޮށްލުން ނޫން އެއްވެސް އިހުތިޔާރެއް އަހަންނަކަށް އޭރަކު ނެތް." ރޯނިތު ބުންޏެވެ.
"ޒީރޯ ޑާކް ތާޓީ" އަކީ ޑިސެމްބަރު 19، 2012 ގައި ރިލީޒްކުރި ފިލްމެކެވެ. "ސްޓޫޑެންޓް އޮފް ދި އިޔާ" ރިލީޒްކުރީ އެ އަހަރުގެ އޮކްޓޯބަރު 19 ގަ އެވެ. އެ ފިލްމުގައި ބަޖާޖް ކުޅުނީ ކަރަން ޝާހް ކިޔާ ސްޕޯޓްސް ކޯޗެއްގެ ރޯލެވެ.
ބަޖާޖަކީ ފިލްމުތަކާއި ޓީވީ ސިލްސިލާތަކާއި ވެބް ސީރީޒްތަކުގައި މަސައްކަތް ކުރަމުން އަންނަ ބިޒީ ތަރިއެކެވެ.