ދިރިއުޅުމުގެ ވައްޓަފާޅިއާއި ވަގުތު ހޭދަވާ ގޮތުން ގިނަ މީހުންނަށް އޮފީސްތަކާއި ގެތަކުގެ ހަތަރު ފާރުގެ ތެރޭގައި ގިނަ ވަގުތު ހޭދަ ކުރަންޖެހެ އެވެ.

ނަމަވެސް، ސިއްހީ މާހިރުން ބުނާ ގޮތުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިރުގެ އަލި ލިބުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ. އިރުގެ އަލިން ލިބޭ ފައިދާތައް ހޯދުމަށް ކޮންމެހެން މާ ގިނައިރު ވަންދެން އަވީގައި ހުންނާކަށް ނުޖެހެ އެވެ.

ސިއްހީ ދާއިރާގެ ދިރާސާތަކުން ދައްކާގޮތުގައި މަދުން ނަމަވެސް ގަވާއިދުން އިރުގެ އަލި ލިބުމަކީ ހަށިގަނޑުގައި ވިޓަމިން ޑީ އުފެއްދުމަށް އެހީވެދޭ ކަމެކެވެ.

މިއީ ކަށިތަކާއި މަސްތައް ވަރުގަދަ ކޮށްދީ ދިފާއީ ނިޒާމު ހަރަކާތްތެރި ކޮށްދިނުމަށް މުހިއްމު މާއްދާ އެކެވެ. މީގެ އިތުރުން، އިރުގެ އަލިން ލިބޭ މާއްދާތަކުގެ ސަބަބުން ނިދި ހަމައަކަށް އެޅުވުމަށާއި، ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދީ، މޫޑު ރަނގަޅު ކޮށްދިނުމަށް އެހީވެދެ އެވެ.

އެކި މީހުންގެ ހަށިގަނޑުގެ ހަން ހުންނަ ގޮތުން އިރުގެ އަލި ބޭނުންވާ މިންވަރު ތަފާތުވެ އެވެ. މިގޮތުން ހަންގަނޑު ހުންނަ ކުލައާއި، ދިރިއުޅޭ މާހައުލުގެ އަލިކަން ހުންނަ މިންވަރަށް ބަލައިގެން ހަންގަނޑު ނުއަނދާ ވަރަށް ވަގުތުކޮޅަކަށް އަވީގައި އުޅުމަކުން ފުދޭނެ ކަމަށް މާހިރުން ލަފާދެ އެވެ.

މާ ގިނައިން އަދި ގިނަ ވަގުތު އިރުގެ އަވީގައި އުޅުމަކީ ވެސް ހަންގަނޑު އަނދައި، ރޫޖެހުމާއި، ހަންގަނޑުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކުރުވާ ކަމެކެވެ.

އެހެން ކަމުން، މާ ބޮޑަށް އަވިދޭ ގަޑިތަކުގައި ހިމާޔަތް ހޯދުމާއި، އިރުގެ އަލިން ލިބޭ ފައިދާއާއި ގެއްލުމާ ދެމެދު އެކަށީގެންވާ މެދުމިނެއް ހިފެހެއްޓުމަކީ މުހިއްމު ކަމެކެވެ.