ކ. ތިލަފުށީ ފޭސް 2އިން ސިނާއީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.

ތިލަފުށީ ފޭސް 2އިން ސިނާއީ ބޭނުންތަކަށް ބިން ގަތުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު 50 ބިިން ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިއްކުމަށް ހިމަނާފައިވާ ބިންތައް

  • 2500އާއި 4999.99 ދެމެދު އަކަފޫޓުގެ 14 ބިން
  • 5000 އާއި 9،999.99 ދެމެދުގެ އަކަފޫޓުގެ 20 ބިން
  • 10،000 އާއި 14،999.99 ދެމެދުގެ އަކަފޫޓުގެ 7 ބިން
  • 15،000 އާއި 19،999.99 ދެމެދުގެ އަކަފޫޓްގެ 7 ބިން
  • 20،000 އާއި 29،999.99 ދެމެދުގެ އަކަފޫޓްގެ 1 ބިން
  • 30،000 އާއި 35،000 ދެމެދުގެ އަކަފޫޓްގެ 1 ބިން

ތިލަފުށިން ސިނާޢީ ބޭނުންތަކަށް ބިން ވިއްކުމުގެ އުޞޫލްގައި ވާގޮތުން ދިވެހިން އަދި ބޭރު ފަރާތްތައް ހިމެނޭހެން އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައަޅަން ޖެހެ އެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ އެވެ.

މީގެ އިތުރަށް ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700ރުފިޔާ އެވެ.

އެޗްޑީސީން ވިދާޅުވީ ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ އީއޯއައި ހުށައަޅާފައިވާ ބިމަށް ބިޑްކުރުމެވެ.

ބިޑް ސެކިއުރިޓީ

  • 2500އާއި 4999.99 ދެމެދު އަކަފޫޓޫގެ ބިން: 150،000 ރުފިޔާ
  • 5000 އާއި 9،999.99 ދެމެދުގެ އަކަފޫޓުގެ: 300،000 ރުފިޔާ
  • 10،000 އާއި 14،999.99 ދެމެދުގެ އަކަފޫޓްގެ ބިން: 500،000 ރުފިޔާ
  • 15،000 އާއި 19،999.99 ދެމެދުގެ އަކަފޫޓްގެ ބިން: 700،000 ރުފިޔާ
  • 20،000 އާއި 29،999.99 ދެމެދުގެ އަކަފޫޓްގެ ބިން 1،000،000 ރުފިޔާ
  • 30،000 އާއި 35،000 ދެމެދުގެ އަކަފޫޓްގެ ބިން: 1،300،000 ރުފިޔާ

އެޗްޑީސީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޝަޢުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް ރަޖިސްޓާ ވާން ޖެހެނީ https://bids.hdc.com.mv/presales ގަ އެވެ.

އެޗްޑީސީން ބުނީ ބިން ލިބޭ މީހުން ކަނޑައަޅާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަނޑައެޅިފައިވާ އުސޫލްގެ ދަށުން ކަމަށެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިން ގަތުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ބިމުގެ ވައްތަރަކަށް ފޯމް ހުށައަޅާތާ 10 ދުވަހުގެ ތެރޭގައި އިތުރު މީހަކު އެ ބިމަށް ފޯމު ނުލާ ނަމަ އެ މީހަކަށް ބިން ލިބެ އެވެ. އަދި އިތުރު މީހަކު ބިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ ބިޑްކުރުމުގެ މަރުހަލާ ކުރިއަށްދާނެ އެވެ. ބިޑިން މަރުހަލާއަކީ ތިން ދުވަހެވެ.

https://www.facebook.com/watch/?v=594645199151351

އެޗްޑީސީން ބުނީ މި ހުރިހާ ކަމަކަށް ކަނޑައަޅާފައި ވަނީ ހަ މަސް ދުވަސް ކަމަށާއި ހުރިހާ މަސައްކަތެއް ކުރިއަށް ދާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެޗްޑީސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗްޑީސީން ވަނީ ތިލަފުށި ޒަމާނީ އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާ ތިލަފުށީގެ މާސްޓަ ޕްލޭން އެކުލަވާލާފަ އެވެ. އެ މާސްޓަ ޕްލޭން އެކުލަވާލާފައި ވަނީ، މުޅި ތިލަފުށި ފަޅު ހިއްކާ، މިހާރު ބޭނުންކުރާ ތިލަފުށީގެ ބިން ހިމެނޭހެން ތަރައްގީ ކުރުމަށެވެ.

އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ޗައިނާގެ ހާބަ ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ތިލަފުށި މާސްޓަ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ، ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. މާސްޓަ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފަ އެވެ.

އެޗްޑީސީން ބުނިގޮތުގައި ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗާ އެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް އަލަށް ބިން ހިއްކާ ސަރަހައްދުން ބޮޑު ބިމެއް ވަނީ ޚާއްސަކޮށްފަ އެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް- އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތު ވެސް ތިލަފުށީގައި 200 އަށް ވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުންދެ އެވެ.