ކީވް (08 ފެބްރުއަރީ) - ހޯމަ ދުވަހު ތުރުކީއަށާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގިނަ ގައުމުތަކަކުން އެހީތެރިކަން ހުށައަޅައިފި އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ހަނގުރާމައިގެ ނުރައްކާ މި ވަގުތު ވެސް ކުރިމަތިވެފައިވާ ޔޫކްރެއިން އެވެ. ޔޫކްރެއިނުން ވަނީ އެގައުމުގެ 87 ރެސްކިއު އޮފިސަރުން ބިންހެލުން އައި ސަރަހައްދަށް ފޮނުވާނެ ކަމަށް ބުނެފަ އެވެ.

ޗައިނާއިން ވެސް ވަނީ ބިންހެލުންތަކުގައި ހަރަކާތްތެރިވާ އެގައުމުގެ ރެސްކިއު ޓީމް ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ފޮނުވާފަ އެވެ.

ބިންހެލުމުގައި ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ ގިނަ ބަޔަކު އެ އިމާރާތްތަކުގެ ދަށުވެފައިވާއިރު ރެސްކިއު އޮފިޝަލުން މަދުވުމާއެކު މީހުން ސަލާމަތް ކުރުމުގައި ގިނަ ގޮންޖަހުންތަކެއް އައީ ކުރިމަތިވަމުންނެވެ.

ޔޫއޭއީއިން 100 މިލިއަން ޑޮލަރުގެ އެހީ ތުރުކީއަށާއި ސީރިއާއަށް ދޭން ހަމަޖައްސާފައިވާއިރު ސައޫދީ އަރަބިއާއިން ވެސް އަންނަނީ ކާބޯތަކެތި ފަދަ އިންސާނީ އެހީ ހާލުގައި ޖެހުނު ފަރާތްތަކަަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ވެސް ބިންހެލުމުގެ އަސަރުކުރި ފަރާތްތަކަށް އެހީ ދޭނެ ކަމަށް ބުނި ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިޒުރޭލް ހިމެނެ އެވެ.

ފާއިތުވި ގަރުނުގެ ތެރޭގައި ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އާ ގާތްކޮށްފަ އެވެ. -- އަލް އަރަބިއްޔާ