ދައުލަތް ހިންގަން ބޭނުންވާ އިމާރާތްތައް ހެދިފައި ނެތި، ދައުލަތުގެ އޮފީސްތައް ކުލީ އިމާރާތްތަކުގައި ހިންގާތީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދައުލަތާއި އިމާރާތް ހިންގުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފައި ގިނަ އަދަދެއްގެ ފައިސާ އެކަމަށް ހަރަދުކުރާތީ އެކަން ހައްލުކޮށްދިނުމަށް އެދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާގަށް އަލީ ބަހުސްކުރެއްވި އިރު އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން މައްސަލައަކީ ދައުލަތެއް، ދައުލަތެއްގެ ގޮތުގައި ހިންގަން ނޭނގުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ދައުލަތް ހިންގުމަށް ބޭނުންވާ ހިމާރާތްތައް އަދިވެސް ނޭޅޭކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އަލީ ވިދާޅުވީ، ޒަރޫރީ ބޭނުންތައް ފުއްދަން ވެސް ދޭދޭ ގައުމުތަކަށް ސަރުކާރުން ސަލާންޖަހާއިރު، 120 ބިލިއަން ރުފިޔާއަށް ދަރަނި އެރިނަމަވެސް ދައުލަތް ހިންގާނެ އޮފީސް އިމާރާތެއް ނޭޅި ކުރެވެނީ ކޮން ކަމެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
"ދައުލަތެއްގެ ސިފައިގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ބެލުމުގެ ދަށުން ނެއްޓި ކަންތައްތައް ދިޔަ ތަނެއް އަޅުގަނޑުމެން ނުދެކެން. ފެނިވަޑައިގެން މިންވަރަކަށް ތަންތައް ވެސް ކުއްޔަށް ހިއްޕަވަނީ. ފެނިވަޑައިގެން މިންވަރަކަށް އިމާރާތް ވެސް އަޅުއްވަނީ. އެހެންނަމަވެސް ދައުލަތް ހިންގުމަށް ބޭނުންވާ އިމާރާތެއް އަދިވެސް ނޭޅޭ. އެހެންވީމާ މި ވަނީ ކިހިނެއްތޯ، މި ކުރެވެނީ ކީއްތޯ އަޅުގަނޑުމެން ސުވާލު ކުރަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަލީ އިތުރަށް ވިދާޅުވީ، އިސްރާފުކުރުން އޭގެ އެންމެ އިންތިހާއަށް އޮތްކަމަށާއި، ގިނަ އިމާރާތްތައް ބާވަމުން ދިޔަ ނަމަވެސް، އާ އިމާރާތްތަކެއް ނޭޅޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާނުކުރައްވާކަމަށް ވިދާޅުވެ އޭނާ ވަނީ އެމަނިކުފާނުގެ ދަށުން ތިއްބަވާ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވަނީ ކޮން މަސައްކަތެއްތޯ ނުބައްލަވާ ކަމަށް ވިދާޅުވެފަ އެވެ.
"އިމާރާތްތައް ބާވަމުން އެބަދޭ. އިމާރާތްތައް ބާވާ ވަރަކަށް އެ އިމާރާތްތަކެއް ނޭޅޭ އަޅުގަނޑުމެންނަކަށް. އާބާތުރައެއް ނުފިލުވޭ އަޅުގަނޑުމެންނަކަށް،" އޭނާ ވިދާޅުވި އެވެ.