ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރަން ނިންމައިފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރުމަށް ނިންމިއިރު، މިދިޔަ މަހުގެ ފަހުކޮޅު އެ ކުންފުންޏަށް ވަނީ "ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ހަވާލުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މި މަސްތެރޭ އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ މަސައްކަތްތައް ފެށިގެން ދާނެކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ދެކުނުގެ އިގްތިސޯދާއި ޢާއްމު އިޖުތިމާއީ އެތައް ކަމަކާ ގުޅިފައިވާ މުހިއްމު އެއާޕޯޓެކެވެ.
އައްޑޫގެ ތަރައްގީއަށް އަދި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ފެންވަރު ރަނގަޅު އެއާޕޯޓެއް ނެތުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ދެކުނުގެ ތަރައްގީގެ މައި ދޮރާށި އަޕްގްރޭޑްކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއަށް ބީލަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރި ފަރާތަށް މިހާރު އެކަން އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އެއާޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަނެއް ގާއިމުކުރުމާއި އެއާޕޯޓުގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަޙައްދުތައް ޒަމާނީ ވައްޓަފާޅިއަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.