އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމާފައިވާ ޕިކްްނިކް އައިލެންޑް، ކުޑަގިރިއަށް ބަންދު ދުވަސް ދުވަހު ހިލޭ ދަތުރުކުރެވޭނެ ކަމަށާއި އެ ނޫން ދުވަސް ދުވަހު ފެރީއަށް 25ރ. އަދި ރަށަށް އެރުމަށް 50ރ. ދައްކަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ހުޅުވަން ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ގޮތް ބައްލަވަން ކުޑަގިރިއަށް ފައިސަލް ވަނީ މިއަދު ވަޑައިގެންފަ އެވެ. އެ ރަށުގައި ހުންނަވައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ކުޑަ އަގެއްގައި ލުއި ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ފައިސަލް ވިދާޅުވީ ހަފުތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސް ދުވަހު ކުޑަގިރިއަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
"ފެރީ ވެސް އަދި ރަށަށް އެރުމަށް ވެސް އެއްވެސް އަގެއް ނުނަގާނެ ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް ދިއުމަށް. ފެރީ ޓިކެޓް ވިއްކަނީ ކޮޅަކަށް 25ރ. އަށް،" ފައިސަލް ވިދާޅުވި އެވެ.
ބަންދު ނޫން ދުވަސްތަކުގައި ރަށަށް އެރުމަށް "އެންޓްރެންސް ފީ" ގެ ގޮތުގައި 50ރ. ދައްކަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބަންދު ދުވަސްތަކުގައި އެ ރަށް ބޭނުން ކުރެވޭނީ ދިވެހީންނަށް އެކަނި ކަމަށާއި ނަމަވެސް ދިވެހި އާއިލާތަކުން ގޭގައި ގެންގުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އެ އާއިލާތަކާއެކު ދަތުރު ކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މިރަށުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ވަކި ސަރަޙައްދެއް ކަނޑައެޅިފައިވާނެ. ސިންގަލް ޔޫސް ޕްލާސްޓިކް މިރަށަކަށް ނޭރުވޭނެ. މިރަށަކީ އެންމެންގެ ރަށެއް. ރަށް ރީތިކޮށް ބޭއްވުން މުހިއްމު،" ނައިބު ރައީސް ވިދާޅުވި އެވެ.
މާލޭގައި ދިރިއުޅޭ މީހުން ޕިކްނިކް ދިއުމަށް ތަރައްގީ ކޮށްފައިވާ ކުޑަގިރިއަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.
"ކުޑަގިރި ޕިކްނިކް އައިލެންޑް"ގެ ނަމުގައި އެޗްޑީސީ އިން ތަރައްގީކޮށްފައިވާ އެ އެޕްލިކޭޝަނުން ދަތުރު ދިއުމަށް ބުކްކުރެވޭނެ އެވެ. ދަތުރު ދާން ޖާގަ އޮތް ދުވަސްތަކާއި ޖާގަހުރި މިންވަރު ވެސް ބަލާލެވޭ އެ އެޕްލިކޭޝަން އިން ދައްކާ ގޮތުން، ކޮންމެ ދުވަހަކު 500 މީހުންނަށް ކުޑަގިރިއަށް ދަތުރު ދިއުމުގެ ޖާގަ އޮވެ އެވެ.
ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ހަމަޖައްސާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ގޮތުން ހުޅުވާ ތަނެކެވެ.
ގާތްގަނޑަކަށް 8 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރި ކުޑަގިރިއަކީ، ދަތުރު ގޮސް އުޅޭއިރު ބޭނުންވާނެ ހުރިހާ ޚިދުމަތެއް ގާއިމުކޮށްގެން ހުޅުވާ ފުރަތަމަ އާޓިފިޝަލް ޕިކްނިކް އައިލެންޑެވެ. ގުދުރަތީގޮތުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އޮންނަ ފަދަ ފިނޮޅެއް މި ރަށުގައި ވަނީ ތަރައްގީކޮށްފަ އެވެ. އެގޮތުން 1.5 ހެކްޓަރުގެ ފިނޮޅެއް ވަނީ ތަރައްގީކޮށް ދަތުރު ދާ މީހުން މޫދަށް އެރިލާނެ ހިތްގައިމު ސަރަޙައްދުތަކެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.
މާލެއިން 10 މިނެޓުން ލޯންޗު ދަތުރެއްކޮށް ދެވޭހާ ކައިރީގައި އޮތް ކުޑަގިރި ޕިކްނިކް އައިލެންޑުގައި އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ ގާއިމުކޮށްފައިވެ އެވެ.