ބޮލީވުޑްގައި މިހާރު އެންމެ އަޑުގަދަ ވާހަކައަކީ ސައުތު ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު ޕްރަބާސް އާއި މަޝްހޫރު ބަތަލާ ކްރިތީ ސެނޯންގެ ކައިވެނީގެ ވާހަކަ އެވެ.

ދެ ތަރިން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވާއިރު، ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދިފައި ވަނީ ދާދި ފަހުން ޝޫޓިން ނިންމާލި "އާދީޕުރުޝް"ގެ ޝޫޓިން ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ވާހަކަތަކަށް ދެ ތަރިން ވެސް އިންކާރުކުރި ނަމަވެސް، ދެތަރިންގެ ގާތް އެކުވެރިން ދައްކާ ވާހަކަތަކަށް ބިނާކޮށް މީޑިއާތަކުން ވަނީ އެ ދެތަރިން ވެސް ދެތަރިންގެ ގުޅުން އާންމުންނަށް ސިއްރުކޮށްގެން އުޅޭކަމަށް ނިންމާފަ އެވެ. މި ދެތަރިންގެ ގާތް ރަހުމަތްތެރިންގެ ފަރާތުން ފެތުރެމުންދާ އެއް ވާހަކައަކީ އެދެތަރިން އަންނަ ހަފްތާގައި އެންގޭޖުވާން ރާއްޖެ އަންނަ ވާހަކަތަކެވެ.

މިވާހަކަތަކުގެ ހަގީގަތް ހޯދުމަށް އާންމުން އެދެތަރިން އެންމެ ފަހުން ކުޅުނު ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ވެސް ވަނީ މައުލޫމާތު ހޯދުމަށް ސުވާލުކޮށްފަ އެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ޕްރޮޑަކްޝަން ޓީމުން ބުނީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ދެތަރިންނަކީ ވެސް ގާތް ދެ ރަހުމަތްތެރިން ކަމުގައި އެ ޓީމުން ބުނެފައިވެ އެވެ.

ޕްރަބާސް އާއި ކްރިތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަތަކަށް ފެތުރެމުންދާތީ އެތައް ފަހަރަކު ދެ ތަރިންވެސް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި ދެ ތަރިންގެ މެދުގައި އޮތް ހަމައެކަނި ގުޅުމަކީ ރާހުމަތްތެރިކަމުގެ ގުޅުން ކަމުގައި ކްރިތީ އާއި ޕްރަބާސް ބުނެފައިވެ އެވެ.