ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔާފާރިވެރިޔާ ގާސިމް އިބްރާހިމް އަށް މިދިޔަ އެއް އަހަރު މުސާރަ އާއި އިނާޔަތާއި އާމްދަނީގެ ގޮތުގައި 11.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ރާއްޖޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމަށް މިދިޔަ އަހަރު މުސާރަ އާއި އިނާޔަތުގެ ގޮތުގައި 9.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން މާފަންނުވިލާ ގުދަނާއި ފުޅޮއި ގަރާޖް ކުއްޔަށް ދީގެން 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އަދި އޭނާގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުން 188،200 ހިއްސާގެ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ގާސިމްގެ މިލްކިއްޔާތުގެ ގޮތުގައި އެއްބިލިއަނަށްވުރެ ގިނަ ރުފިޔާ ހިއްސާވާ 24 ކުންފުނި އޮވެ އެވެ. މިގޮތުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާ ނެޓްގެ ޗެއާމަނަކީ ވެސް އޭނާ އެވެ.

ގިނަ އަދަދެއްގެ ރިސޯޓުތަކުގެ ހިއްސާ އޮންނަ ވިޔަފާރިވެރިޔާ ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ ސޭވިން އެކައުންޓުގައި 141،608.76ރ. އެބަހުއްޓެވެ. އަދި ޑޮލަރު ސޭވިން އެކައުންޓުގައި ހުރީ އެންމެ 691.72 ޑޮލަރެވެ. އަދި އެސްބީއައިގައި އޮންނަ ރުފިޔާ ސޭވިން އެކައުންޓްގައި ހުރީ 60،173.66ރ. އެވެ. އަދި ޑޮލަރު އެކައުންޓުގައި ހުރީ 3،828.05 ޑޮލަރެވެ.

އެ މާލީ ބަޔާނުގައިވާ ގޮތުން ހޮންކޮންގުގައި ހުންނަ އެޗްއެސްބީސީ ބްރާންޗްގައި ހުޅުވާފައިވާ ޑޮލަރު ސޭވިން އެކައުންޓުގައި ހުރީ އެންމެ 500 ޑޮލަރެވެ. އަދި އެ ބޭންކުގައި ހުޅުވާފައިވާ ހޮންގްކޮންގް ޑޮލަރު ސޭވިން އެކައުންޓްގައި ހުރީ 14،742.24 ޑޮލަރެވެ.

ގާސިމްގެ އަމިއްލަ ނަމުގައި ނަގާފައިވާ ލޯނުތަކުގެ ގޮތުގައި 2019 ވަނަ އަހަރު މާޗް 27ގައި 1.5 މިލިއަން ޑޮލަރުގެ ލޯނެއް އެސްބީއައި އިން ނަންގަވާފައިވެ އެވެ. އަދި ސެޕްޓެމްބަރު 30ގައި ވެސް 1.5 މިލިއަން ޑޮލަރުގެ ލޯނެއް ނަންގަވާފައިވެ އެވެ. މީގެ އިތުރުން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ނަމުގައި 21.07 މިލިއަން ޑޮލަރުގެ ލޯނެއް އެސްބީއައިއިން ނަންގަވާފައިވެ އެވެ. އޭނާގެ އަމިއްލަ ނަމުގައި ރާއްޖެއިން ބޭރުން އެއްވެސް ލޯނެއް ނަންގަވާފައިވާ ކަން އެ މާލީ ބަޔާނަކުން އެނގޭކަށް ނެތެވެ.

އެ މާލީ ބަޔާނުގައިވާ ގޮތުން ގާސިމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ވިސާ އާއި އެމެކްސް ކްރެޑިޓް ކާޑުގެ ޖުމްލަ 49،966 ޑޮލަރުގެ ތެރެއިން އެންމެ ފަހުން ބޭނުންކޮށްފައި ވަނީ 69.54 ޑޮލަރެވެ.

އެ މާލީ ބަޔާނުގައިވާ ގޮތުން ގާސިމް އަމިއްލަ 8 ބިން މާލޭގައި އޮވެ އެވެ. އަދި މާމިގިލީގައި އިންޖީނުގެ ހަދާފައިވާ ބިމާއެކު ޖުމްލަ 9 ބިން އޮންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ސިންގަޕޫރުގައި އެއް މިލިއަން ސިންގަޕޫރު ޑޮލަރަށް ގަނެފައިވާ ފްލެޓެއް ހިމެނެ އެވެ. އަދި މިދިޔަ އަހަރު ވާދީ ބިލްޑިން 12 މިލިއަން ރުފިޔާ އަށް ބައްލަވައިގެންފައިވެ އެވެ.