އަމީނީ މަގުގައި މިހާރު މަސައްކަތް ނިމިފައި ހުރި ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނިމިގެންދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.

އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެމަސައްކަތް ކުރުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން އަދި ހަމަޖައްސައި ނުދެވޭތީ މިމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުނެވެ.

މިކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ މަގު އެއްވަރުކޮށް، ވެލިތައް ނަގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަކަން އާޒިމު ފާހަގަކުރެއްވި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކޮށްފައިވަނީ އާރުޑީސީ އާއި އެވެ. އެ ކުންފުނިން ފުރަތަމަ ދެ ސެގްމެންޓުގެ ދަށުން މަގު އެއްވަރުކޮށް ފެންހޮޅިތައް ވަޅުމުގެ މަސައްކަތް ކުރި ނަމަވެސް އެބައިގައި ތާރު އަޅާފައެއް ނުވެ އެވެ.

އަމީނީ މަގުގެ މަސައްކަތް ދިގުލައި ތާރު ނާޅާ މައްސަލައިގަ ސަރުކާރަށް ވަރަށް ބޮޑަސް ފަޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ މަސައްކަތް އަވަސް ކުރުމަށް ތާރު އަޅަން އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

އާރްޑީސީ އިން އަމީނީމަގުގައި ޕޭވިންގެ މަސައްކަތް މިހާރު ނިންމާފައި އޮތް ހިސާބުގައި ތާރު އަޅަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ.