"ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ނެށުންތެރިޔާ އަދި ބޮލީވުޑް ތަރި ރާކީ ސާވަންތު މީގެ މަހެއްހާ ދުވަސް ކުރިން ކައިވެނިކުރި ވިޔަފާރިވެރިޔާކަމަށްވާ އާދިލް ޚާން އަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތު ކޮށްފި އެވެ.

އޭނާގެ މައްޗަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުކޮށްފައިވަނީ އިރާނަށް ނިސްބަތްވާ އަންހެނެކެވެ. އަދި އޭނާ ވަނީ އާދިލްއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

އެނގިފައިވާގޮތުގައި އާދިލްއަށް އެ ތުހުމަތުކުރާ އަންހެން މީހާއާ އާދިލް ދިމާވީ މައިސުރުންނެވެ. އެ އަންހެން ކުއްޖާ އަކީ އީރާނުން، މައިސުރަށް ކިޔަވަން އައި ކުއްޖެއް ކަމަށްވެ އެވެ.

އޭނާއަށް ގަދަބާރުން ޖިންސީ ގޯނާކުރި ކަމަށާއި، އެއަށްފަހު އެ އަންހެން ކުއްޖާއާ ކައިވެނި ކުރާނެކަމަށް ބުނެ އާދިލް ދޮގުހެދި ކަމަށް އަންހެން ކުއްޖާ ކިޔައިދީފައިވެ އެވެ.

އާދިލްއާ ދެކޮޅަށް ޖިންސީ އަނިޔާކުރުމުގެ މައްސަލައެއް ހުށަހަޅާފައިވާއިރު، އޭނާގެ އަންހެނުން ރާކީވެސް ވަނީ އާދިލްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން "ފިލައިގެން" އުޅުމަށްފަހު އޭނާގެ ފިރިމީހާ އެނބުރި ގެއަށް އައިސް އަނިޔާކުރިކަމަށް ރާކީ ބުނެފައިވެ އެވެ. އޭގެ އިތުރުން ރާކީގެ ބަރަހަނާ ފޮޓޯ ނަގައި މީހުންނަށް ވިއްކާފައިވާކަމަށްވެސް ރާކީ ތުހުމަތުކުރެ އެވެ.