އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް އިއުލާންކުރުމާ އެކު އެތައް ބަޔަކަށް އެކަމުން ހިތްހަމަޖެހުން ލިބުނެވެ. މިދިޔަ އަހަރުގެ ޖުލައި 3 ގައި އެ މަސައްކަތް، މަގު ހެދުމާ ބެހޭ ސަރުކާރުގެ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ 84 މިލިއަން ރުފިޔާ އަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި އެވެ. އެއްބަސްވުމުގައި އޮތީ ހަތް މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ. އެ މުއްދަތު މި ވަނީ މި މަހުގެ 3 އަށް ހަމަވެފަ އެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް އޮގަސްޓް 30، 2022 ގައި މާލޭގެ މިހާރުގެ މޭޔަރާއި ކުރީގެ މޭޔަރަކާއި އާރްޑީސީ އާއި ހައުސިން މިނިސްޓްރީގެ އިސްވެރިން، ފެއްޓެވުމުން އެތައް ބަޔަކަށް ހިތްހަމަޖެހުން ގެނުވި އެވެ. ވާރޭ ވެހިއްޖެ ނަމަ ފެންކޯރެއްގެ ގޮތަށް އޮންނަ މަގުގައި ދުއްވާ އެއްޗިއްސާއި ހިނގާ މީހުން ތަހައްމަލްކުރަން ޖެހުނު އުނދަގުލުން ދެން މާގިނަ ދުވަހެއް ނުވެ ސަލާމަތްވެދާނެ ކަމުގެ އުއްމީދު ބޮޑުވި އެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ހައެއްކަ މަހަކީ އަމީނީ މަގު ހެދުމަށް ހެންވޭރާއި ގަލޮޅުން ބަންދުކޮށްފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ އަދި މާލޭގެ އެތައް ހާސް ބަޔަކަށް އެތައް އުނދަގުލަކާއި ގެއްލުމެެއް ކުރިމަތިކުރުވި ބައި އަހަރު ދުވަހެވެ.
މަގުގެ މަސައްކަތް ނިންމަން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ތާރީޚު ފަހަނަޅައި ދިޔަ އިރު އާރްޑީސީއަކަށް މަގުގައި އެންމެ އިންޗިއެއްހާ ހިސާބުގައި ވެސް ތާރު އަޅައެއް ނުލެވުނެވެ. އޭގެ ބަދަލުގައި މަގުގެ ގާތައް ނަގައި މަގުކޮނެފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމުގެ ސަބަބުން އެތައް ބަޔަކަށް އެތައް އުނދަގުލަކާއި އެތައް ގެއްލުމެއް ލިބިއްޖެ އެވެ. އަމީނީ މަގު ހަދަން ބަންދުކޮށްފައި ހުރި ސަރަހައްދުގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓްތަކުގެ ވިޔަފާރި ހުލިވެއްޖެ އެވެ. އެ ސަރަހައްދުގެ މީހުން ދުއްވާ އެއްޗެހީގައި ގެއާ ހަމައަށް ދާންޖެހެނީ މާދުރު މަގުތަކުން ގޮސް، މާދުރުން ވަށާލައިގެންނެވެ. އޭގެ އިތުރުން އަމީނީ މަގުގެ އެ ސަރަހައްދު ބަންދުކުރުމުން ބުރުޒުމާއި ލޮނުޒިޔާރަތް މަގުގެ ޓްރެފިކަށް އިންތިހާ އަށް ވަނީ ބާރުބޮޑުވެފަ އެވެ.
އަމީނީ މަގު ފަދަ މާލޭގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރާ މަގެއް ބަންދުކޮށްފައި އެހާ ގިނަދުވަހު ބޭއްވުމުން އާއްމުންނާއި ސްކޫލް ކުދިންނަށް ވާނެ އުނދަގޫ މަގު ހަދަން ހަވާލުވި އާރްޑީސީ އަށް ނޭނގެނީ ބާވަ އެވެ؟ މަގުގެ މަސައްކަތް ފަށައި، އެއްވެސް ކަމެއް ނުކޮށް އެތައް ދުވަހެއް ވުމުން، އާއްމުން ޝަކުވާ ކުރަން ފެށުމުން ދެއްކި ބަހަނާ އަކީ މަގުގައި ބޭނުންކުރާ ހޮޅިތަކެއް ލިބުން ލަސްވި ވާހަކަ އެކެވެ. އެވަރުގެ ބޮޑު މަސައްކަތެއް ފަށަން ޖެހޭނީ މަސައްކަތަށް ބޭނުންވާ ސާމާނު ހަމަކޮށްގެންކަން އާރްޑީސީގެ ވެރިންނަށް ނުވިސްނުނުކަމީ ދެރަކަމެކެވެ. އެމްޑަބްލިއުއެސްސީން ގެންނަން ޖެހޭ ހޮޅިތަކެއް ލިބުން ތިން މަސް ދުވަހަށް ލަސްވިއަސް، މަގު ނުހެދި އާއްމުންނަށްވާ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ މަސައްކަތާ ހަވާލުވި އާރްޑީސީންނެވެ.
އަމީނީ މަގުގެ މަސައްކަތް ލަސްނުކުރެވޭނެ އެތައް ސަބަބެއްވެ އެވެ. އެއީ މާލޭގެ އެންމެ ބޮޑު، އެންމެ މުހިންމު އެއް މަގަށްވުމަކުން އެކަންޏެއް ނޫނެވެ. އެއީ މާލޭގެ ބޮޑު ހަތަރު ސްކޫލަކާއި ގައުމީ ޔުނިވާސިޓީގެ އެއް ފެކަލްޓީ ހުރި މަގެކެވެ. ކަލާފާނު ސްކޫލާއި ބިލަބޮން އިންޓަނޭޝަނަލް، އިމާދުއްދީން ސްކޫލް އަދި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހުރީ އަމީނީ މަގުގަ އެވެ. މާލޭގެ ބޮޑު ދެ މިސްކިތެއް އެ މަގުގައި އެބަހުއްޓެވެ. ފުރުގާން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތެވެ. މި ދެ މިސްކިތާ ހަމައިން މަގު ބަންދުވެ ގިނަ ދުވަސްތަކެއް ވެއްޖެ ނަމަ، އާއްމުންނަށް އިންތިހާ އަށް އުނދގޫވާނެ އެވެ. ކުރިއަށް އޮތީ ބަރަކާތްތެރި ރޯދަ މަހެވެ. މީގެ އިތުރުން އެއީ ސަރުކާރުގެ މައި ކަރަންޓް ކުންފުނީގެ އޮފީހާއި ދަައުލަތުގެ ޓެކްސް އިދާރާ، މީރާއި ފިނޭންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ އަދި ފުލުހުންގެ އިސްކަންދަރު ކޮށި ވެސް ހުރި މަގެވެ. ފުލުހުންގެ އިތުރު ދެ ސްޓޭޝަނަކާއި ނޫސަންދައިގެ އޮފީސް ވެސް އެ މަގުގައި ހުރެ އެވެ. މުވާސަލާތީ ކުންފުނި، ދިރާގުގެ މައި އޮފީސް ވެސް ހުރީ އަމީނީ މަގުގަ އެވެ. އަދި މާލޭ އެންމެ ގިނަ ބަޔަކު ކުޅިވަރު ކުޅެންދާ ދަނޑުތައް ވެސް ވަނީ އަމީނީ މަގާ ގުޅިފަ އެވެ. ގިނަ ބަޔަކު ކެއިންބުއިމުގެ ޚިދުމަތް ހޯދާ ފުޑް ކޯޓުތަކުގެ ބޮޑު ބައެއް ހުރީ ވެސް އަމީނީ މަގުގަ އެވެ. ކޮންމެ ހަފުތާ ބަންދަކާއި އެނޫން ވެސް ދުވަސްދުވަހު އެތައް ސަތޭކަ ކުދިން ބޭނުންކުރާ ކުޑަކުދިންގެ ޕާކު ހުރީ ވެސް އަމީނީ މަގުގަ އެވެ. އަދި އާސަންދަ އާއި ސިޓީ ކައުންސިލްގެ މައި އޮފީހާއި އެނޫން ވެސް މުހިންމު އޮފީސްތަކެއް ހިންގާ ފެން ބިލްޑިން ހުރީ ވެސް އަމީނީ މަގުގަ އެވެ. މިއީ ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު އެކި ކަންކަމުގައި ދާންޖެހޭ އޮފީސްތަކާއި ތަންތަނެވެ. އަމީނީ މަގު ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމުން މި އެންމެންނަށް ނަހަނު ގިނަ ގެއްލުމާއި ދުރާ ކުރިމަތިވާނެ އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލަށް ދިއުމަށް އަމީނީ މަގު ބޭނުންކުރާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.
އާރްޑީސީން ފުރަތަމަ ނިންމީ އަމީނީ މަގު ދެ ބަޔަކަށް ބަހާލައިގެން ތާރު އަޅާށެވެ. ފުރަތަމަ ބައި ބިލަގޮން ސްކޫލާ ހަމައަށެވެ. އެކަމަކު ހަ މަސް ފާއިތުވެގެން ދިޔަ އިރު ކާނުތަކުގެ މަސައްކަތް އާރްޑީސީ އަށް މި ނިންމާލެވުނީ ސްޓެލްކޯއާ ހަމައަށެވެ. ދެން މުޅި މަގު ނިންމަން ނަގާނެ މުއްދަތު ޚިޔާލަށް ގެންނަވާށެވެ. އެ ދިގު މުއްދަތުގައި ބޮޑު މަގެއް ބަންދުކޮށްފައި ބޭއްވުމަކީ ލިބޭނެ ކިހާ ބޮޑު ދެރައެއްތޯ އެވެ.
އަމީނީ މަގުގެ މަސައްކަތް ނިންމަން އޮތް ތާރީޚަށް މަގުގެ އެއްވެސް ބަޔެއް ނިމިފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ވަނީ އާ ތާރީޚެއް ދެއްވައިފަ އެވެ. އެއީ ސެޕްޓެމްބަރުގެ 27 އެވެ. އެކަމަކު މިއީ މަސައްކަތް ނުނިމުމުން އާ ތާރީޚެއް އަނގަ ބަހުން ވިދާޅުވެލައިގެން ވަޒީރަށް ފަސޭހައިން ނިންމާލެވުނަސް އާއްމުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. މިއީ އާއްމު ރައްޔިތު މީހާ އެތައް އުނދަގުލެއްގައި އުޅެންޖެހޭނެ މުއްދަތެކެވެ.
އާރްޑީސީ އަށް މަގުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުނިމި، އާއްމުންގެ ޝަކުވާ ބޮޑުވުމުން މަގުގައި ހޮޅިތައް ވަޅުލައި ކާނުތައް ހަދާފައިވާ ބައިގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ވަނީ ހުކުރު ދުވަހު މަސައްކަތް ފަށައިފަ އެވެ. ކުންފުނީގެ ސީއީއޯ ސައިޓަށް ވަޑައިގެން ވިދާޅުވެފައި ވަނީ ތިން ދުވަސް ތެރޭ، އެ ބައިތަކުގައި ތާރު އަޅާ ނިންމާނެ ކަމަށެވެ. އެހެންވެ މާދަމާގެ ނިޔަލަށް އަމީނީ މަގުގައި ކާނުތައް ހެދިފައިވާ ބައިގައި ތާރު އަޅާ ނިންމާނެ ކަމަށް ބެލެވެ އެވެ.
މިއީ ދެ ކުންފުނީގެ މަސައްކަތުގެ ތަފާތެވެ. ގާތްގަނޑަކަށް 1.7 ކިލޯ މީޓަރުގެ މަގެއް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅަން މިހާ ދިގު މުއްދަތެއް ނެގިއިރު އާރްޑީސީގެ ދެން ހުރި ޕްރޮޖެކްޓްތަކުގެ ސްޕީޑާ މެދު އެއްޗެއް ބުނާކަށް ނެތީމެވެ. އަމީނީ މަގު ހަދަން އާރްޑީސީއާ ހަވާލުކުރި ފަހުން ފުވައްމުލަކުގެ 20 މަގެއް، ސްޓޯމް ވޯޓާ ޑްރެއިން ސިސްޓަމާ އެކު އެމްޓީސީސީން ނިންމައިފި އެވެ. އެއްތިރީސް މަގެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ ތެރޭން 11 މަގެއްގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. އާރްޑީސީއާ އަމީނީ މަގު ހަވާލުކުރި ފަހުން ހޯރަފުށީގެ 17 ކިލޯ މީޓަރު މަގުގައި ތާރު އަޅައި އެމްޓީސީސީން ނިންމައިފި އެވެ. އެނގޭކަމަކީ 1.7 ކިލޯ މީޓަރުގެ އަމީނީ މަގު ބަންދުކޮށްގެން އާރްޑީސީން "ކޮއްޓާލަ ކޮށްޓާލަ"، އެހާ ގިނަ ދުވަސް ހޭދަވުމުން އާއްމުންގެ އެތައް ބައެއްގެ ވިޔަފާރި އާއި އެނޫން ވެސް ގޮތްގޮތުން އެތައް ގެއްލުމެއް ވެއްޖެ ކަމެވެ. މި ވަރުގެ މަގެއް ހަދަން ނަގާނެ މުއްދަތު ކުރީގެ ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެ ދެެއްވައިފަ އެވެ. އެ ވާހަކަތައް އަލުން ހަނދާންކޮށްދީފި ނަމަ އާއްމުންގެ ރުޅިވެރިކަން އަދި މާބޮޑުވާނެ އެވެ.
އަމީނީ މަގުގައި އާރްޑީސީން ތިޔަ ހަޑިއެއް ހާވަނިކޮށް އެމްޓީސީސީން އެތިބި ބޮޑެތި ރަށްރަށުގެ މަގުތައް ހަދާ ނިންމުމުން މަ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ. މިދެން ކީއްކުރާ އާރްޑީސީއެއް. ރައީސް އޮފީހުގެ ޕޮލިސީ އޮފީހާއި ޕްލޭނިން މިނިސްޓްރީއަށް މިކަންކަން ނޭނގެނީތަ.
މިއީ ވަޑާންކުރާ މީހަކަށް މަގު ނެހެދޭނެކަން އެނގޭ ހެކި. ވަޑިންގެ ގޭގައި ދޮރު ނުހުންނާނޭ ބުނާހެން ވަޑިންނަކށް މަގު ހަދާކަށް ނޭނގޭނެ
މޫކޭމެން މަގުހަދަން މޮޅު ނޫނަސް އޭނާ ވެސް މޮޅު ކަންކަން ހުރޭ. އެކަން އެނގޭނެ މިއުޅޭ ކުޑައްޓޭމެންނަށް
މުއިއްޒު މަޖީދީ މަގުގައި މުއިއްޒު ގާއަތުރައިގެން ނިންމި މުއްދަތު ޖަހާލިނަމަ ވަރަށް ފުރިހަމަވީސް. ގަލަކުން ގަލަކުން އަތުރަށް ދާ މުއްދަތު ހަމަ ޔަޤީނުންވެސް ތާރުއަޅާކަށް ނުދާނެތާއެވެ
މުއިޒު އޭރުވެސް ބުނި މި މޫކޭއަކަށް ނުވާނޭ
މޫކާމެންނަކަށް ނުވާނެ. މަގުމަތީ ހަޅޭލައްވައިގެން އުޅުނު ގޮލަޔަކަށް ކުންފުންޏެއް ކިހިނެެއް ހިންގާނީ