މާލެ އޭރިޔާގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ދިމދާވެފައިވާ ދަތިތައް ހައްލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ ކަމަށް އެއިދާރާއިން ހާމަކޮށްފި އެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު މިހަފްތާގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ފުލުހުން ބުނީ މާލެ އޭރިޔާގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް އަބަދުވެސްދަނީ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި، އަމާން މާހައުލެއް ކަށަވަރުކުރުމަށް މާލޭ އޭރިޔާގެ މަގުތައް ތަރުތީބުކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ހާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިންގ ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެ އެވެ. އަދި އެ ސަރަހައްދުތަކުގެ މަގުތައް ތަރުތީބުކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދެވޭނެ އެވެ.

އޭގެ އިތުރުން، އެ ސަރަހައްދުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެ އެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫންވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ސައިކަލެއް ޓޯ ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ

މި މަސައްކަތަކީ މާލޭ އޭރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދީ، ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިސްކަމެއްދީގެން ދިވެހި ފުލުހުންގެ ޚިދުމަތުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެކެވެ.