މިދިޔަ ހަފްތާގައި ތުރުކީ އަދި ސީރިޔާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ ބޭނުންކޮށްގެން އެހީ ދެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫ އިން ބުނީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ. އެހީގެ ގޮތުގައި ލިބޭ ފައިސާ ތުރުކީ އަދި ސީރިޔާގެ ރައްޔިތުންނަށް ފޯރުކޮށްދޭނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށް ކަމަށް އުރީދޫ އިން ބުންޏެވެ.
އެމްފައިސާ މެދުވެރިކޮށް ފައިސާގެ އެހީ ދިނުމަށް އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެމް-ފައިސާއަށް ލޮގްއިންކުރަން ޖެހެ އެވެ. އަދި ސްމާޓް ޕޭ ސެލެކްޓު ކުރުމަށް ފަހު އެމް-ފައިސާ އެކައުންޓު ނަންބަރު '9306501' ޖަހަން ޖެހޭނެ އެވެ. ހަދިޔާ ކުރަން ބޭނުންވާ ފައިސާގެ އަދަދު ޖަހައި ޕޭމެންޓު ކޮންފާމް ކުރުމުން ފައިސާ ފޮނުވުނީ އެވެ.
ތުުރުކީ އަދި ސީރިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40،000އަށް ވުރެ މައްޗަށް އަރައިފަ އެެވެ. އެ ދެ ގައުމުގެ އިމާރާތްތަކުގެ ތެރޭ ތާށިވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތުރުކީގެ ސަރަހައްދުތަކުގައި އިންސާނީ އެެހީފޯރުކޮށްދިނުމަށް އައިއޭއެސް އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.