ގަވާއިދާ ހިލާފަށް ކައިވެނި ކޮށްދީގެން، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.
ހަސަން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމާފައި ވަނީ، ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި 2018 ވަނަ އަހަރު ހުންނެވިއިރު، އެކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިންކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން، ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް ލަފާދީފައިވާ ކަމަށެވެ.
ނަމަވެސް ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށް ވީއިރު، ހަސަން ސައީދު ދީފައިވާ ލަފާގެ ސަބަބުން ގާނޫނާއި ގަވައިދާ އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ކްރިމިނަލް ކޯޓުގެ ހަސަން މިއަދުން ފެށިގެން ސާދަ ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
ގޯހެއް ހެދުމުން 14 ދުވަހުގެ ޗުއްޓީއެއް. މީ ކޮންކަހަލަ އަދަބެއް.