އެމްޑީޕީގެ ލީޑަޝިޕްގައި ހުންނަވައިގެން ޕާޓީގެ އަސާސީ ގަވާއިދަށް ދެކޮޅު ހައްދަވާނަމަ ޕާޓީގައި ދެމިހުރެވޭނެތޯ ސުވާލުކުރައްވައި، ރައީސް ނަޝީދަށް އެންމެ ރަނގަޅު ގޮތަކީ ޕާޓީން އިސްތިއުފާ ދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިހޯދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދިނުން އަންނަ ހޮނިހިރު ދުވަހަށް އެޕާޓީން ވަނީ ނިންމާފަ އެވެ.

އެހެންނަމަވެސް އެމްޑީޕީ ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ރިޔާސީ ޕްރައިމަރީ އިންތިޚާބު އަލުން ބޭއްވުމުގެ އަމުރަކަށް ސިވިލް ކޯޓަށް ހުށައަޅައިފަ އެވެ.

"އުފެދޭ ސުވާލެއް އެމްޑީޕީގެ ލީޑަޝިޕްގަ ހިމެނޭ ބައެއް ބޭފުޅުންނަށް ޕާޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުން ނިންމާ ނިންމުންތަކާއި ދެކޮޅުހަދައި ޕާޓީގެ އަސާސީ ގަވައިދާއި ކަނޑައެޅިގެން ދެކޮޅު ހަދަމުން މަގާމުގައި ދެމިތިއްބެވިދާނެތޯ؟ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން،" ޝަރީފު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް ސޯލިހު ކާމިޔާބުކޮށްފައިވާއިރު، އިންތިހާބު ކުރިއަށް ގޮސްފައި ވަނީ އިންސާފުން ނޫން ކަމުގައި ރައީސް ނަޝީދުގެ ފެކްޝަނުން ބުނެ އެވެ. ހަމައެހެންމެ ޕާޓީގައި ދެ ފެކްޝަނުގެ ސަޕޯޓަރުން ވެސް ސަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ.