ކީވް (16 ފެބްރުއަރީ) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ޔޫކްރެއިންއަށް އަމާޒުކޮށް ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޔޫކްރެއިންގެ އުތުރު އަދި ހުޅަނގުގެ ސަރަހައްދުތަކަށް ރަޝިއާއިން އިއްޔެއާއި މިއަދު ގިނަ މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީއިން ބުނީ ބްލެކް ސީއިން ފޮނުވާލި އަށް މިސައިލެއް ޔޫކްރެއިންގެ ޑިފެންސް ސިސްޓަމުން ހުއްޓުވާފައިވާ ކަމަށާއި އެހެން ނަމަވެސް އިތުރު މިސައިލްތަކެއް ބައެއް ސަރަހައްދުތަކަށް އަމާޒުވެފައިވާ ކަމަށެވެ.

ރަޝިއާއިން ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ނޭޓޯގެ މެމްބަރުން ޔޫކްރެއިންއަށް ފޮނުވަމުން އައި ހަތިޔާރުގެ އެހީ މަޑުޖެހިފައިވާ ވަނިކޮށެވެ.

"އިރުމައްޗާއި ދެކުނުގައި ވެސް ދުޝްމަނުން ދަނީ ވަރުގަދަ ހަމަލާތައް ދެމުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސިފައިން ވެސް އަންނަނީ އެ ހަމަލާތަކަށް ރައްދު ދެމުން،" ޑިފެންސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

ރަޝިއާއިން ހަމަލާތައް ވަރުރަދަޮށްފައިވާއިރު ހަނގުރާމައަށް އެއް އަހަރު ފުރުމާ ގުޅިގެން އެގައުމުގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ފެށި ހަނގުރާމައިގައި ދެ ގައުމަށް ވެސް ގިނަ ގެއްލުންތަކެއް ވެފައިވެ އެވެ. -- އަލް އަރަބިއްޔާ