ސްޓުޑަންޓް ލޯނު ނެގުމަށްފަހު ކިޔެވުން މެދު ކަނޑަލަން ޖެހުނު ދަރިވަރުންނަށް އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަސަން ވިދާޅުވީ ސްޓުޑަންޓް ލޯނު ނެގިފަހުން އެކި ސަބަބު ތަކާއި ހެދި ކިޔެވުން މެދު ކަނޑާލަން ޖެހުނު 120 ދަރިވަރުން އެބަތިބި ކަމަށެވެ. އަދި އެ ދަރިވަރުންނަށް އަލުން ލޯނަސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރ މިދާޅުވި އެވެ.

އެގޮތަށް ދަރިވަރުންނަށް ލޯނަށް އަލުން ކުރިމަތި ލެވޭނެ އުސޫލެއް މިހާރު ކަނޑައަޅާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރު ހުޅުވާލާފައި ވަނީ 720 ފުރުސަތު ކަމަށާ އޭގެ ތެރެއިން 120 ފުރުސަތު ހާއްސަކޮށްފައި ވަނީ އެފަދަ ދަރިވަރުންނަށް ކަމަށެވެ.

ސުޓުޑަންޓް ލޯނު ދިނުމުގެ އުސޫލު އަލުން އެކުލަވާލާ އިއްޔެ އިއުލާން ކުރި އުސޫލުގައި ވަނީ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ހޭދަވި މުއްދަތަށް "ޓޮޕްއަޕް ލޯނު" ހަމަޖައްސައިދޭ ގޮތަށެވެ.

އެފަދަ ސަބަބެއްގެ ގޮތުގައި ބަލާނީ ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މަރުކަޒުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ހުއްޓާލުމާއި، ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ވަގުތީ ގޮތުން މެދުކަނޑާލުމުގެ އިތުރުން، ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލްވީ އިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ހަރަދުތަކަށް ބަދަލުތަކެއް ގެނައުމެވެ.