ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި، އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ބައެއް ޚިދުމަތްތައް އިކޮނޮމިކް މިނިސްޓްރީން މެދުކަނޑާލަން ނިންމައިފި އެވެ.
މި ޚިދުމަތް މެދުކަނޑާލަނީ މިހާރު އަމަލުކުރެވެމުންދާ ކޯޓާ ދޫކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޕްލިމެންޓްކުރުމުގެ ގޮތުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއަށް ބިދޭސީން ގެނައުމަށް ދޭ ހުއްދައާއި ގުޅޭ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމަކީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމާއި ބިދޭސީން ގެނައުމާ ގުޅޭ ކޯޓާ އާއި އެންޕްލޯއިމަންޓް އެޕްރޫވަލްއަށް އެޕްލައި ކުރުމަށް ހަދާފައިވާ ސިސްޓަމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާ އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ކޯޓާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.
"އެކްސްޕެޓް ސިސްޓަމް" އިން ދޭ ޚިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް "ވޯކް ޕާމިޓް ފީ"ގެ ޚިދުމަތްތަކާއި "ވޯކް ޕާމިޓް ޕާސްޕޯޓް އެޑް"ގެ ޚިދުމަތްތައް މިމުއްދަތުގައި މެނދުނުކެނޑޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އެކްސްޕެޓް ސިސްޓަމްގައި ހުރި މައުލޫމާތު އަދާހަމަކުރުމާ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއަށް ފެއްތުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އެގޮތުން، އެކްސްޕެޓް ސިސްޓަމްގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކޮމާޝަލް ކެޓަގަރީތަކާއި އަމިއްލަ ފަރުދުންގެ، ގެވެށި މަސައްކަތަށް ނުވަތަ ޑޮމެސްޓިކް ކެޓަގަރީއަށް ދޫކޮށްފައިވާ ހުއްދަތަކުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމްގައި ހުރީ ދެ ކެޓަގަރީއަކަށްވުމުން، މިހާރު އެމަޢުލޫމާތުތައް ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އެކްސްޕެޓް ސިސްޓަމުންދޭ ބައެއް ޚިދުމަތްތައް މެނދުކެނޑޭނެކަމަށް ވަޒީފާދޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.