އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސަމަދުބެއަށް އަމާޒުކޮށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ މަލާމާތްކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ޖަލްސާގައި މާރިޔާ ވަނީ ސަމަދުއަށް އިންޑިއާގައި ދިމާވި ކަންތައްތަކާއި އޭނާ ރާއްޖެ އައިސް ކަން ހިނގައިިދިޔަ ގޮތް ކިޔައިދެމުން ދިން އިންޓަވިއުއަށް ވަރަށް ބޮޑަށް މަލާމާތްކޮށް ޖޯކު ޖަހާފަ އެވެ.

މާރިޔާ ވިދާޅުވީ އަވައްޓެރި ޤައުމެއްގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން ގޮންޖަހައި އަޑުއުފުލާ ފައުޖެއްގެ ކުރީގައި އުޅުއްވި ބޭފުޅެއްގެ ވާހަކަ މީޑިއާއަށް މިދޭތެރެއިން ތިލަވެގެން އުޅުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނު ހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން،" ސަމަދުބެ އަށް މަލާމާތްކުރައްވަމުން މާރިއާ ވިދާޅުވި އެވެ.

ސަމަދުބެ އަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ފެބްރުއަރީ 11، ގައި އޭނާ ބެންގަލޫރުގައި ހުއްޓައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ އެއް ދުވަސްފަހުން އޭނާ ވަނީ ޑީޕޯޓު ކޮށްފަ އެވެ.

މާރިއާގެ މިވާހަކަ ތަކަށް ރައްދު ދެއްވާ މާވަށު ދާިއރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މާރިއާގެ ތަރުބިއްޔަތުގެ މައްސަލައެއް އުޅޭ ކަމަށެވެ. އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވެސް ވަނީ މާރިއާގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

ގިނަ މީހުން ސިފަ ކުރަނީ މިއީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމުގަ އެވެ. އެގޮތުން ދިފާއީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

މާރިޔާ ސަމަދުބެއަށް މަލާމާތްކޮށް ވާހަކަދެއްކެވިއިރު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަތްތިލަބަޑިޖައްސަވައި ތަރުހީބު ދެއްވަން އިންނެވި އެވެ.