ބަންގްލަދޭޝްގެ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މާދަމާގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ ހެނދުނު 10:00 ޖަހާއިރު އެވެ. އެހެން ނަމަވެސް މި އަޑުއެހުން ކްރިމިނަލް ކޯޓުން ވަނީ ސިއްރު ކޮށްގެން ކުރިއަށް ގެންދަ ގޮތަށް ނިންމާފައި އެވެ. މިފަދަ މައްސަލަތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކާނަލް ނަޝީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު އެވެ. ކާނަލް ނަޝީދުގެ ބަންދަށް އޭރު ފުލުހުން ވަނީ ހަތް ދުވަސް ޖަހަފައި އެވެ. އަދި ތަހުގީގު ނިންމާ، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ފުލުހުން ވަނީ ނަޝީދު ދޫކޮށްލާފަ އެވެ.

ނަޝީދު އަލަމްގިރި ދިރިއުޅުނު ކޮޓަރިއަށް ގޮސްހުރި މަންޒަރު ފެންނަ ފޮޓޯއެއް ޖޫން މަހުގައި ލީކުވުމުން ފޮޓޯއިން ފެންނަނީ އޭނާ ކަމަށާއި، އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމުގައި އޭނާ ބުންޏެވެ. އަދި އޭނާ އެފަދަ އަމަލެއް ނުހިންގާ ކަމަށްވެސް ބުންޏެވެ. ނަމަވެސް ފަހުން ނަޝީދުގެ ވީޑިއޯ ވެސް ވަނީ ލީކުވެފަ އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރަކު ފުލުހުން ހައްޔަރު ކޮށްފައިވެއެވެ.