އެއްވެސް ގައިދީއަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށް ނުކައި ހުރިކަމެއް ނޭނގޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސް އިން މިހެން ބުނީ މާފުށީ ޖަލުގައި ތިބި ބައެއް ގައިދީން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންދާކަމަށް އަޑުފެތުރިފައިވާތީއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ މާފުށީ ޖަލުގެ އެއްވެސް ޔުނިޓެއްގައި އެއްވެސް ގައިދީއަކު ނުކައި ހުރި ކަމެއް ނޭނގޭ ކަމަށާއި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރާކަމެއް ނޭނގޭ ކަމަށެވެ.

އަދި މާފުށީ ޖަލުގެ ޔުނިޓް 11ގައި ގައިދީންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި އެކަންކަން ބަލަމުންދާ ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ. އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްފައި ވަނީ މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ މީހުން ބައިތިއްބާ ގޮޅީގައި އެވެ.

މި ޔުނިޓުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެ ޔުނިޓުގައި ތިބި ގައިދީންނަށް ކާންދީފައި ނުވާކަމަށް ބުނެ އެވެ.

ގައިދީންގެ ވަކީލުންގެ ފަރާތުން ބުނެފައިވަނީ އެ ދުވަހު ކާން ނުގެނައީ ކީއްވެތޯ 15 ވަނަ ދުވަހު ގައިދީން އޮފިސަރުންނާ ސުވާލުކޮށް، ކާން ނުގެނައި ސަބަބު ލިޔުމަކުން އަންގަން އެދުމުން ކަރެކްޝަނުން އެކަމާ ދެކޮޅުހަދާފައިވާ ކަމަށެވެ. އަދި އެ ޔުނިޓުގެ ގޮޅިތައް ބަލައި ފާސްކުރަން ވަދެ، ގައިދީންގެ އަންނައުނާއި ކާން ގެންގުޅޭ ތަށިތައް ފަދަ އަސާސީ ތަކެތި އަތުލައިގެން ގެންދާ ކަމަށް ވަކީލުން ބުނެފައިވެ އެވެ.

މާފުށީ ޖަލުގައި ހަރުކަށީ ފިކުރުގެ މީހުން ބައިތިއްބާފައި ހުންނަ ޔުނިޓުގައި މިއަދު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކޮށްފައިވާއިރު، ޖަލުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވަނީ މަޖިލީހުގައި ވިދާޅުވެފައިއެވެ.