އައްސުލަތާން ހަސަން ނޫރައްދީން (ދެވަނަ) އަށް އިނގިރޭސި ރާޖާގެ ފަރާތްޕުޅުން ކޭސީއެމްޖީގެ ލަގަބު އެރުވުމަށް ރާއްޖެވަޑައިގެންނެވި ވަފުދު ސުމުއްވުލް އަމީރު މުހައްމަދު އަމީންގެ ކާފާފުޅާ ބައްދަލުކުރެއްވުމަށް، އެބޭފުންގެ ގެކޮޅަށް ކުރެއްވި ޒިޔާރަތް އަމީން ސިފަކުރައްވަނީ އަންނަނިވި އިބާރަތުންނެވެ.

"އެންމެ ފުރަތަމައިން...... ހޯސްބަރޯ އާއި، ޓްރެފޫސިސް އާއި ދެކަލުން އަޅުގަނޑުގެ އިއްޒަތްތެރި ކާފަ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާ ބައްދަލުވެ ވަޑައިގަތް އިރު، ކުޑަކުޑަ އަޅުގަނޑު އެޖަލްސާގައި ހުރީމެވެ. ތަރުޖަމާ ކުރައްވަން ހުންނެވީ އަޅުގަނޑުގެ ބައްޕައެވެ. ހޯސްބަރޯ ހުންނެވީ އަޅި ކުލައެއްގެ އާދައިގެ އިނގިރޭސި ހެދުންކޮޅެއް ތުރު ކުރައްވައިގެންނެވެ. ކޯޓުގައި މާ ޖަހަން ހަދާފައި ހުރިތަނުގައި ޖައްސަވާފައި ވަނީ ފިނިފެންމަލެކެވެ. ޓްރެޕޫސިސް ތުރުކުރައްވައިގެން ހުންނެވީ ހުދުކުލައިގެ ޔުނިފޯމެކެވެ. އެ ޖަލްސާގައި ދެން އިންނެވީ އެޗް.ސީ.ޕީ.ބެލް އެވެ." އެ އިބާރަތަކީ އެމަނިކުފާނާ އިނގިރޭސިންނާ ގުޅުން ފެށިގެން އައިގޮތް ބަޔާން މުހައްމަދު އަމީނު، އެމަނިކުފާނު އަމިއްލަފުޅަށް ސިފަ ކޮށްދެއްވާފަ އެވެ.

އެމަނިކުފާނު ބޮޑުފުޅުވެ، ވެރިކަން ލިބިވަޑައިގެން އަވަހާރަ ވަންދެން ވެސް އުޅުއްވީ އިނގިރޭސިންނަކީ އެންމެ ގާތް އެންމެ ހެޔޮއެދޭ "މާތްވެގެންވާ" ބައެއްގެ ގޮތުގައި ދެކިވަޑައިގެންނެވެ.

އަމީނަށް ވެރިކަން ލިބިވަޑައިގެންނެވީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގަ އެވެ. އޭރު ރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ތާށިވެފަ އެވެ. ރާއްޖޭގެ ރަސްގެފާނަށް މަޖުބޫރުކޮށް، ބޭރުން ލިޔެގެން ގެނައި ސިޓީއެއްގައި ސޮއިކުރުވައިގެންނެވެ. އެކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ބައިވެރިވެ، އިނގިރޭސިންނަށް ވާގިވެރިވި އެވެ. އެ ބަޔަކަށް ސިޔާސީ ގޮތުންނާއި މާލީ ގޮތުން ފައިދާތަކެއް ކުރި އެވެ.

ދެވަނަ ބޮޑު ހަނގުރާމަ ހިނގަމުން ދިޔައިރު، ރާއްޖޭގެ ދެ ހިސާބެއްގައި އިނގިރޭސި ސިފައިން ގާއިމުވެ ތިއްބެވެ. ހަނގުރާމައިގެ ދަތިކަން ބޮޑުވެ، ބަނޑުފުރާނަ މުއްތި ނުވެ އުޅުނު ދިވެހިންނަށް އިނގިރޭސިންގެ "ދީލަތި" އެހީ ލިބުނެވެ. ރާއްޖެ ގެންނަ ކާބޯތަކެތި ގެންނަ އުޅަނދު ފަހަރަށް އެ މީހުންގެ މަނަވަރުތަކުން ހިމާޔަތް ދިނުން ފަދަ އެހީތަކެވެ.

އަމީން ބޭނުން ވަގުތަކު އިނގިރޭސި އުދުހޭ ބޯޓެއްގައި ދަތުރުކުރެވޭ ގޮތް ވެސް އޭރު އޮންނަނީ ހަމަ ޖެހިފަ އެވެ. އެ ދީލަތިކަމާއި ރަހުމަތެރިކަމުގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމަ ނިމި، އިނގިރޭސިންނަށް ދިވެހި ރާއްޖޭގެ މުހިންމުކަން ވަގުތީ ގޮތުން ނިމުމަކަށް އަ އެވެ. ނުވަތަ ރާއްޖޭގެ މުހިންމުކަން އިތުރަށް ބޮޑުވެ، ރާއްޖެ ނުވަތަ ރާއްޖެއިން ބައެއް ދާއިމީކޮށް މިލްކުކުރުމުގެ އެދުން އިނގިރޭސިންގެ ހިތްތަކުގައި އުފެދުނެވެ. އޭރު ރާއްޖެ އޮތީ އާދަޔާ ޚިލާފު ދަތި ހާލެއްގަ އެވެ.

ރާއްޖެ ކާބޯތަކެއްޗަށް ޖެހި ބަޔަކު މަރުވަމުން ދިޔަ ދުވަސްވަރު ރާއްޖޭގެ ރައީސް މުހައްމަދު އަމީން އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަރަށް ޚާއްސަ ދަތުރުފުޅެއް ކުރެއްވި އެވެ. އެ ގައުމުގެ ސިޔާސީ އިސް ސަފުގައި ތިއްބެވި އެމަނިކުފާނުގެ ނުހަނު އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭބޭފުޅުންނާ ބައަދަލުކުރައްވައި ރާއްޖެއަށް އެހީ ހޯއްދެވުމުގެ މަގުސަދުގަ އެވެ.

އެ ދަތުރުފުޅުގައި ސިލޯނުގައި ހުންނަވާ ދިވެހި ވިޔަފާރި އެޖެންޓް މިސްޓަ ނަޔަރު ވެސް ގެންދެވި އެވެ. އަމީންގެ ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން އެދިވަޑައިގެންނެވި އެހީއަކީ ކޮލޮމްބޯ ޕްލޭންގެ ދަށުން، އެ ޕްރޮގްރާމްގެ މެންބަރު ގައުމުތަކަށް ވެދޭ ކާބޯތަކެތީގެ އެހީގެ ތެރެއިން އެތިކޮޅެއް ރާއްޖެއަށް ވެސް ލިބޭނެ ގޮތެއް ހައްދަވާ ދެއްވާތޯ އެވެ. އޭގެ އިތުރުން މަސްބާނާ ބުޅި ޖަހާނެ މަޑު ދަގަނޑުކޮޅަކާއި ދޯނިތަކުގައި ލާނޭ ބޮޑުމަހު ތެޔޮފޮދަކާއި ރިޔާ ކަނޑާނެ ފޮތިކޮޅަކާއި އޮޑި ބަންނާނެ ލަކުޑިކޮޅެއް ލިބޭތޯ ބެއްލެވުމަކީ ވެސް އެމަނިކުފާނުގެ ބޭނުންފުޅެކެވެ. އެ ކަމަށްޓަކައި އިނގިރޭސި ސަރުކާރަށް ހުށަހެޅުއްވި ޕްރޮޕޯސަލުގެ އަގަކީ ގާތްގަނޑަކަށް އެއް ލައްކަ ޕައުންޑެވެ.

އިނގިރޭސިންގެ ހިމާޔަތުގައި އެ މީހުން ހަދައިދިން ޕާސްޕޯޓެއްގައި ނޫނީ ބޭރުގެ ގައުމަކަށް ދަތުރު ނުކުރެވޭ ގޮތަށް އޮތް ގައުމެއް ކަމަށްވާ ދިވެހި ރާއްޖޭގެ ރައީސް، ގައުމުގެ ނިކަމެތި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމަކަށް އެދި އިނގިރޭސި ސަރުކާރުގައި "ސަލާން ޖައްސަވަން" ލަންޑަނުގައި އުޅުއްވި އުޅުއްވުމުން އެއްވެސް ވަރެއްގެ ކާމިޔާބެއް ލިބިވަޑައިނުގަތެވެ. ރާއްޖެއަށް އެހީ ވެވޭނެ ގޮތަކާމެދު އިނގިރޭސި ސަރުކާރުން ވިސްނަ ވިސްނައި ތިބީ އެވެ.

ދުވަސްތައް ދިގުލައިގެން ދިއުމުން އަމީން އެނބުރި ސިލޯނުގެ މަގުން މާލެ ވަޑައިގެންނެވީ އަރިހުގައި ގެންދެވި ވިޔަފާރި އެޖެންޓް ކަމަށްވާ ނަޔަރު ލަންޑަނުގައި އިތުރު ހަފުތާއަކަށް ބަހައްޓަވައި އެކަން އިނގިރޭސި ސަރުކާރަށް ފޮނުވި ސިޓީއަކުން އަންގަވާފަ އެވެ. އަންޑާ ސެކްރެޓަރީ ޓު ދަ މިނިސްޓްރީ އޮފް ކޮމަންވެލްތު ސާ ސްޓެފަން ހޯމްސްއަށް ލިޔުއްވި ސިޓީގައި އަމީން ވިދާޅުވީ "އަވަސް އެހީ އެއް ނުލިބިއްޖެ ނަމަ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ހިތްދަތި ނިކަމެތި ހާލަތުގެ މަތިން އަދިވެސް އެއްފަހަރު ތަކުރާރުކޮށް ހަނދުމަފުޅުކޮށް އެރުވުމަށް އަޅުގަނޑު ބޭނުން" ކަމަށެވެ.

ރާއްޖެއަށް އެހީ ހޯއްދެވުމަށް އަމީން ކުރެއްވި މަސައްކަތްޕުޅަށް އެދެވޭ ޖަވާބެއް ނުލިބި އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު އިނގިރޭސި ސަރުކާރުން ގެންދިޔައީ ރާއްޖެއަށް އެހީ ދިނުމާ މެދު "ވިސްނަމުން" ނެވެ.

ކޮމަންވެލްތު ރިލޭޝަންސް އޮފީހުން ލަނކާގައި ހުންނަ އިނގިރޭސި ސަފީރަށް ފޮނުވާފައިވާ ލިއުންތަކުން ދޭހަވާ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތަށް ބަޔަކު ޒިންމާވާންޖެހޭ ނަމަ އެބަޔަކީ އިނގިރޭސިންކަން އެމީހުން ގަބޫލުކުރެ އެވެ. ހަމަ އެފަދައިން ރާއްޖޭގެ ރައީސް އެހީގެ ގޮތުގައި ހޯއްދަވަން އެދިވަޑައިގެންނެވި މިންވަރު ކަމަށްވާ 100،000 ޕައުންޑަކީ ވެސް ބޮޑު އަދަދެއް ނޫން ކަމަށް ވެސް އެއްބަސްވެފައި އޮތެވެ.

އެ ލިޔުމުގައި ވާގޮތުން 34،000 މީހުން ދިރި އުޅޭ ސީޝެލްސް އަށް 250000 ޕައުންޑުގެ އެހީ ކަނޑައަޅާފައިވާއިރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ރާއްޖެއަށް 100،000 ޕައުންޑަކީ ބޮޑު އަދަދެއް ނޫނެވެ. އެހެން ނަމަވެސް މި އެހީ ދޭން ވާނީ އިނގިރޭސިންނަށް ރާއްޖެއިން ނެގެން އޮތް ފައިދާއެއްގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ވެސް ލިޔެފައިވެ އެވެ. ކުރިމަގުގައި ހިނގައިފާނެ އިތުރު ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށް ރާއްޖެ، އިނގިރޭސިންގެ ބާރުގެ ދަށުގައި ރާއްޖެ ބޭއްވޭނެ ގޮތް ހެދުން ކޮންމެހެން މުހިންމު ކަމަށް ލިޔެފައި އޮތެވެ. ކިތަންމެ ވަރަކަށް މަޝްވަރާ ކުރެވުނަސް ދިވެހި ރާއްޖެއަށް އެހީއެއް ދިނުމަށް އިނގިރޭސިން އޮތީ ފަސްޖެހިފަ އެވެ.

އިނގިރޭސިންނާއި އަމީންއާ ދެމެދު އޮތް ގާތްކަމާ އެކުވެރިކަން އެމަނިކުފާނު އަވަހާރަވަންދެން ވެސް އެގޮތުގައި އޮތެވެ. އެހެން ނަމަވެސް ރާއްޖެއަށް ބޭނުންވާ އެހީ ހޯއްދެވުމަށް އެމަނިކުފާނު ގެންދެވި ޕްރޮޕޯސަލަށް އިނގިރޭސިން ލޯ ލާރިއެއް ވެސް ދިއްކޮށް ނުލި އެވެ. އެމަނިކުފާނުގެ ފަހު ދަތުރުފުޅު ވެސް ކުރެއްވީ އާރުއޭއެފްގެ މަތިންދާ ބޯޓެއްގަ އެވެ. އޭރު ދިވެހި ރައްޔިތުން ތިބީ ބަނޑުހައި ހޫނުކަން އިންތިހާއަށް ދިއުމުން އަމީން އާ ދެކޮޅަށް ނުކުމެފަ އެވެ.