ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާއާ ދެކޮޅަށް ތިން މީހެއްކެ ހެކިބަސް މިއަދު ކްރިމިނަލް ކޯޓުގައި ނަގައިފި އެވެ.
މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ތިން މީހެއްގެ ހެކިބަސް ނަގާފައި އެވެ. އެއީ ތިން ފުލުހުންނެވެ. އޭގެ ތެރޭގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރަކާއި ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެއްގެ އިތުރުން ލަމްހާއާ ގާތް ގުޅުމެއް އޮންނަ ފުލުހެއް ހިމެނެ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރު މަރާލި މޭރީ ގްރޭސް ދަން ޖެހިފައިހުއްޓާ ފެނިގެން އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ރިޕޯޓް ކޮށްފައި ވެއެވެ. އެހެން ނަމަވެސް މޭރީ މަރާލާފައި ވަނީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.
މިއަދު ކޯޓުގައި ހެކިބަސް ދިން ފުލުސް މީހާ އަދި ލަމްހާގެ އެކުވެރިޔާ ބުނީ އެރުވެސް ލަމްހާ މާވިންއާ އޮތް ގުޅުމުގެ ވާހަކަތައް ހިއްސާ ކުރަމުން ގެންދިޔަކަމަށެވެ.
ލަމްހާއާއި މާވިން ވާހަކަދައްކާފައިވާ ޗެޓްލޮގްތައް މޭރީ އަށް ފެނިގެން އެމައްސަލަ ހައްލުކޮށްދޭން ވެސް ލަމްހާ އެދިފައިވާ ކަމަށް ހެކިބަސް ދެމުން ލަމްހާގެ އެކުވެރިޔާ ބުންޏެވެ. އޭގެ ފަހުން އޭނާވެސް މޭރީ އާ ބައްދަލުކޮށް އެމީހުންގެ މެދުގައި އޮތް މައްސަލަ ސުލްހަ ކުރަން ވާހަކަ ދެއްކި ކަމަށްވެސް ބުންޏެވެ. އަދި މޭރީވެސް އެދުނީ އެމައްސަލަ ހައްލު ކުރަން ކަމަށް ލަމްހާ ގާތު ބުނުމުން ލަމްހާވެސް ދެން މާވިންއާ އޮތް ގުޅުން ކަނޑާލަނެ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.
މޭރީ މަރުވި ދުވަހު އޭނާވެސް އައިޖީއެމްއެޗްއަށް ދިޔަކަމަށާއި ލަމްހާ އާއި އައިޖީއެމްއެޗްއިން ދިމާވި އިރު ލަމްހާގެ މޫނު މަތިން ހިތްހަމަ ޖެހުމާއި އުފާވެރިކަން ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން އެކި ފަހަރު މަތީން އޭނާ ކައިރިން އެމައްސަލާގައި ވާނީ ކިހިނެއްތޯ އާއި އެމައްސަލަ ކުރިއަށް ދަނީ ކިހިނެއްތޯ ލަމްހާ އޮޅުން ފިލުވަން ވާހަކަ ދެއްކި ކަމަށްވެސް ލަމްހާގެ ރަހުމަތްތެރިޔާ ހެކިބަސް ދެމުން ބުންޏެވެ.
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓް ގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ އައިޖީއެމްއެޝް ކެޝުއަލްޓީގައި މަސައްކަތް ކުރި ދެ ނަރުހުންނެވެ.
މޭރީ މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އޭނާ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިނަމަވެސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން އެމައްސަލަ އިތުރަށް ތަހުގީގު ކުރި އެވެ.