އަންކާރާ (21 ފެބްރުއަރީ) - ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް ރޭގެ ވަގުތެއްގައި އަނެއްކާ ވެސް ބިންހެލުމެއް އަތުވެއްޖެ އެވެ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސައިސްމޮލޮޖިކަލް ސެންޓަރުން ރިޕޯޓުކުރި ގޮތުގައި ރެކްޓަ މިންގަނޑުން 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމަށްފަހު ވެސް 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި އިތުރު ލޮޅުމެއް އަރާފައިވެ އެވެ.

ތުރުކީގެ ޑިޒާސްޓާ ރެސްޕޮންސް އޮތޯރިޓީއިން ބުނީ ބިންހެލުން އައިސްފައިވަނީ ސީރިއާ ބޯޑަރު ކައިރީގައި އޮންނަ ހެޓޭ ޕްރޮވިންސްގެ ޑެފްނޭ އިން ކިޔުނު ރަށަށެވެ.

މި ބިންހެލުމުގައި މިހާތަނަށް ތިން މީހަކު މަރުވެ 300 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ގިނަ އިމާރާތްތައް ވެސް ވަނީ ބިމާ ހަމަވެފަ އެވެ.

ތުރުކީއަށް އިތުރު ބިންހެލުމެއް އައިސްފައި މިވަނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ހަަމަ އެ ސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށެވެ.

ފެބްރުއަރީ ހަވަނަ ދުވަހު ރެކްޓަ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި އެ ބިންހެލުމަކީ މި ގަރުނު ތެރޭގައި ވެސް އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ބިންހެލުމުގައި ދެގައުމުން މަރުވި މީހުންގެ އަދަދު 45000 އަށްވުރެ މަތިވެފައިވާއިރު އިމާރާތްތަކުގެ ދަށުން އިތުރު މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ. -- އަލް އަރަބިއްޔާ