ގޭގައި އެކަނި ހުންނަ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހުމަކީ ނުހަނު ބިރުވެރި އަދި ކުއްލި ނުރައްކަލުގެ ހާލަތެކެވެ. އެފަދަ ވަގުތެއްގައި ސިކުނޑި ސާފުކޮށް ބަހައްޓައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ އިންސާނާގެ ފުރާނަ ސަލާމަތްވުމާ ގުޅިފައިވާ ކަމެކެވެ.

އެމެރިކާގެ ތަޖުރިބާކާރު ކާޑިއޯވާސްކިއުލާ ސާޖަން، ޑރ. ޖެރެމީ ލަންޑަން ވަނީ ގޭގައި އެކަނި ހުއްޓައި ހާޓް އެޓޭކެއްގެ އަލާމާތެއް ފެނިއްޖެނަމަ އަމަލު ކުރަންޖެހޭ 4 ފިޔަވަޅު ހިއްސާކުރައްވާފައެވެ.

1. ކުއްލި އެހީއަށް އެދި ގުޅުން

އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެ ގައުމެއްގެ އެމެޖެންސީ ނަންބަރަށް (ރާއްޖޭގައިނަމަ 102 ނުވަތަ 119 އަށް) އަވަހަށް ގުޅައި އެމްބިއުލަންސްއަށް އެދުމެވެ. މެޑިކަލް އެހީތެރިން އަންނަންދެން އަމިއްލައަށް ކާރު ދުއްވާފައި ހޮސްޕިޓަލަށް ދާން މަސައްކަތް ނުކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ.

2. ގޭގެ ދޮރު ހުޅުވުން ނުވަތަ ތަޅު ހުޅުވުން

އެމެޖެންސީއަށް ގުޅުމަށްފަހު، ގޭގެ މައި ދޮރުގެ ތަޅު ހުޅުވާށެވެ. ނުވަތަ ދޮރު ކުޑަކޮށް ހުޅުވާލާށެވެ. އަދި ރޭގަނޑުގެ ވަގުތެއްނަމަ ބޭރު ބައްތިތައް ދިއްވާލާށެވެ. މީގެ ބޭނުމަކީ އެމްބިއުލަންސް އަންނައިރު ގެ ހޯދަން ފަސޭހަވުމާއި، ހޭނެތިގެން ވެއްޓުނު ކަމުގައި ވިޔަސް އެމެޖެންސީ ޓީމަށް ގޭގެ އެތެރެއަށް ވަދެވޭނެ މަގުފަހި ކުރުމެވެ.

3. އިށީނުން ނުވަތަ އޮށޯތުން

ދޮރު ހުޅުވުމަށްފަހު، ސޯފާއެއްގައި ނުވަތަ އެނދެއްގައި ހަމަޖެހިލައިގެން އިށީންނާށެވެ. ނުވަތަ އޮށޯންނާށެވެ. ފައި ކުޑަކޮށް މައްޗަށް އުފުލާލައިގެން އޮތުމަކީ ނޭވާލާން ފަސޭހަވެ، ލޭ ދައުރުވުމަށް އެހީތެރިވެދޭ ކަމެކެވެ. ހޭނެތިގެން ވެއްޓޭ ހާލަތެއްގައިވެސް، ކޮޅަށް ހުރެގެން ވެއްޓުމުން ލިބިދާނެ ބޮލުގެ އަނިޔާއަކުން ރައްކާތެރިވެވޭނެ އެވެ.

4. އާއިލާގެ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް އެންގުން

އެމެޖެންސީއަށް ގުޅުމަށްފަހު، ގާތް މީހަކަށް ގުޅައި ވެގެން އުޅޭގޮތް އަންގާށެވެ. އެކަމުން އެމްބިއުލަންސް އަންނަ ކަމާއި، ހޮސްޕިޓަލަށް ގެންދާކަން އާއިލާއަށް އެނގި، ކަންކަން ބެލެހެއްޓުމަށް ފަސޭހަ ވެގެންދާނެ އެވެ.

އިތުރު މުހިންމު އިރުޝާދެއް: ޑރ. ޖެރެމީ އިތުރަށް ވިދާޅުވި ގޮތުގައި، އެސްޕިރިންއަށް އެލާޖިކް ނޫންނަމަ އަދި އެތެރެހަށިން ލޭފޭބުމުގެ މައްސަލައެއް ނެތްނަމަ، އެހީ އަންނަންދެން އެސްޕިރިން ގުޅައެއް (162–325g މިލިގްރާމް) ހަފާލައިގެން ދިރުވާލެވިދާނެ އެވެ.

މިއީ ހާޓް އެޓޭކް މުޅިން ހުއްޓުވާނެ ކަމެއް ނޫންނަމަވެސް، ލޭ ގަނޑުވުން ކުޑަކޮށްދީ ލިބޭ ގެއްލުން ކުޑަ ކޮށްދޭނެ ކަމެކެވެ.