ވަކީލުކަމުގެ ހުވާ 73 ބޭފުޅަކު ކުރައްވައިފި އެވެ.

އަލަށް 73 ބޭފުޅަކު ހުވާކޮށްފައި ވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށާއި ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނުގެ ނަތީޖާ ފާހަގަކުރުމުގެ ގޮތުން ބާ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި އެވެ.

ބާކައުންސިލުން ބުނީ މި ރަސްމިއްޔާތުގައި 73 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ކަމަށެވެ. ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓު ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު އެވެ. އަދި 2020 ވަނަ އަހަރު ސްޕެޝަލް ލައިސަންސިން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވުނު ވަކީލުންނަށް ވެސް ދާއިމީ ހުއްދަ ވެސް ވަނީ ދޫކޮށްފަ އެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވީ ގާނޫނީ ވަކީލުކަމަކީ ނުހަނު ބޮޑު ޒިންމާއެއް ކަމަށާއި ހިދުމަތް ކުރުމުގައި ވިސްނުން ބަހައްޓަން ވާނީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ވަކީލުންގެ ސުލޫކު ހިފެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.