ސައުތު އިންޑިއާގެ އެކްޓްރެސް އަނުޝްކާ ޝެޓީ ފަލަކަމަށް ބުނެ އާންމުން އޭނާއަށް މަލާމާތްކޮށްފި އެވެ.

ސައުތު އިންޑިއާގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އަނުޝްކާ، އޭނާގެ މައިންބަފައިންނާ އެކު ދީނީ އަޅުކަމެއް ކުރުމަށް ބެންގަލޫރުގެ ފައްޅިއެއްގައި ހުރި ފޮޓޯތައް މިހާރު ދަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ.

އޭރު އޭނާ ލައިގެން ހުރީ ހުދު ކުލައިގެ ސަގާފީ ހެދުމެކެވެ.

ގިނަ ދުވަސްތަކަަކަށް ފަހު އަނުޝްކާ ފެނުނު އިރު އޭނާ ވަރަށް ފަލަ ކަމަށް އާންމުން ބުނެފައިވެ އެވެ. ނަމަވެސް މިފަދައިން ބުނެ ސޯޝަލްމީޑިއާގައި އަނުޝްކާއަށް ފާޑުކީ މީހުންނަށް އޭނާގެ ފޭނުން ވެސް ރައްދުދީފައިވެ އެވެ.

މިފަހުން އަނުޝްކާގެ އެއްވެސް ފިލްމަކުން ފެނިފައިނުވާއިރު، އޭނާ ދަނީ މަސައްކަތުން ދުރުވެ، 'ބްރޭކް' އެއް ނަގަމުން ކަމުގައި އޭނާގެ ފޭނުން ދިފާއުގައި ބުނެފައިވެ އެވެ. މި ދުވަސްތަކުގައި އޭނާއަށް ލިބެންވާ އިހުތިރާމާއި ގަދަރު، ހަށިގަނޑަށް އަންނަ ބަދަލަކުން، ބަދަލުވެގެން ނުވާނެކަމަށް ބުނެ އަނުޝްކާގެ ފޭނުން ސޯޝަލްމިޑިއާގައި އޭނާ ދިފާއުކޮށްފައިވެ އެވެ.

އަނުޝްކާ އަކީ ސައުތު އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަމާއި ލޯބި ހޯދާފައިވާ ރީތި ފަންނާނެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އަދިވެސް އެންމެ ކަމުދާ ސައުތު އިންޑިއާގެ އެކްޓްރެސް އެއްގެ ގޮތުގައި އަދިވެސް އަނުޝްކާ ފާހަގަކޮށްލެވެ އެވެ.