މަސައްކަތުގެ މާހައުލުގެ ރައްކާތެރި ކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުމުން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން މަރުހަބާ ކިޔައިފި އެވެ.

މަސައްކަތުގެ މާހައުލުގެ ރައްކަތެރި ކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު، އަހްމަދު އަބްދުﷲ އެވެ.

މިކަމާ ގުޅިގެން އެމްޓީޔޫސީ އިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ބިލަކީ މަސައްކަތް ކުރާ މީހުންގެ ސިއްހީ ރައްކާތެރިކަމާއި އެމީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މުހިންމު ބިލެއް ކަމަށެވެ. އަދި މިއީ ކޮންމެ މަސައްކަތް ތެރިއަކަށްވެސް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްގެއް ކަމަށް އެމްޓީޔޫސީގެ ބަޔާނުގައި ވެ އެވެ.

އަދި މަސައްކަތްތެރިންގެ ހައްގުތައް ރައްކަތެރިކޮށްދިނުމަށް ގާނޫނުގައި އެކަށީގެންވާ މިންވަރަށް ބަޔާންވެފައި ނެތުމާއި ތަންފީޒު ވަމުން ނުދިއުމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ނުރައްކާތެރި އެތައް ހާދިސާ އެއް ހިނގާ ކަމަށް އެ ބިލްގައިވެއެވެ. އަދި މިހާރު ވެސް ހިނގަމުން ދާއިރު، ގާނޫނީ ރައްކާތެރިކަމެއް ނެތުމުން މަސައްކަތްތެރިންނަށް އެތައް ހައްގުތަކަކުން މަހުރޫމްވެފައި ކަމަށް އެމްޓީޔޫސީ އިން ބުނެއެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާ ރައްކާތެރި ކަމަކީ އައިއެލްއޯގެ އަސާސީ އެއް ޕްރިންސިޕަލް ކަމަށްވެސް އެމްޓީޔޫސީގެ ބަޔާނުގައި ވެއެވެ. މަސައްކަތްތެރިންގެ ސަލަމަތާ ރައްކާތެރި ކަމަށްޓަކައި ސަރުކާރުން މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާތީ އެ ޖަމިއްޔާއިން ސަރުކާރަށް ޝުކުރު އަދާ ކުރާ ކަމަށާއި ވީހާވެސް އަވަހަށް ބިލު ފާސް ކޮށްދެއްވުމަށް އެދޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.