ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ދަރްމެންދްރާ މަރުވިތާ އެއް އަހަރު ފުރުމާ ގުޅިގެން، އޭނާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ހެމާ މާލިނީ އަސަރުގަދަ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.

24 ނޮވެންބަރު 2025 ގައި ޢުމުރުން 89 އަހަރުގައި ދަރްމެންދްރާ މަރުވިތާ އެއް އަހަރު ފުރުނު އިއްޔެ ހޭމާ މާލިނީ ވަނީ އޭނާއާއެކު ނަގާފައިވާ ކުރީގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.

އެ ޕޯސްޓުގައި ހެމާ ބުނެފައިވަނީ އެއް އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް، ދަރްމެންދްރާ ވަކިވެދިއުމުގެ ހިތާމައަށް އެއްވެސް ލުޔެއް ނުލިބޭ ކަމަށެވެ.

"މުޅި އަހަރެއް ފާއިތުވެގެން ހިނގައްޖެ، އެކަމަކު އަހަރެންގެ ހިތާމައިގެ އަސަރަކަށް އެއްވެސް ބަދަލެއް ނާދޭ. އޭނާއަކީ ހަމައެކަނި އަހަރެންގެ ފިރިމީހާއެއް ނޫން، އޭނާއަކީ އަހަރެންގެ ހުރިހާ އެއްޗެއް؛ އަހަރެންގެ އެކުވެރިޔާ، ބައިވެރިޔާ އަދި މަގުދައްކައިދޭ މީހާ. އަހަރެންގެ ދިރިއުޅުމުގެ މައިބަދައަކީ ވެސް އޭނާ. އޭނާއާ ނުލައި ދިރިއުޅުން ވަރަށް ފަޅު." ހެމާ ބުންޏެވެ.

ދަރްމެންދްރާގެ ހިތްހެޔޮކަމާއި، މަޑުމައިތިރިކަމާއި، ކާމިޔާބީގެ އެންމެ އުހަށް ވާސިލުވުމަށްފަހުވެސް ބިންމަތީގައި ފައިތިލަ ސާބިތުކޮށްގެން ހުރި ހުރުން ހެމާ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން، ދަރްމެންދްރާގެ ހަނދާން އާކޮށް، ހެޔޮ ދުއާތަކާއި ލޯބި ފޮނުވަމުންދާ އެތައް މިލިއަން ސަޕޯޓަރުންނަށް ހެމާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ހިންދީ ސިނަމާގެ "ހީ-މޭން" ގެ ގޮތުގައި މަޝްހޫރުވި ދަރްމެންދްރާއަކީ 60 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފިލްމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަންނާނެކެވެ.

އޭނާ ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޝޯލޭ، ޗުޕްކޭ ޗުޕްކޭ، އަނޫޕަމާ އަދި ޕޫލް އައުރު ޕައްތަރު ފަދަ ފިލްމުތައް ހިމެނެ އެވެ.