ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ޝްރީދޭވީ ކުއްލި ގޮތަކަށް މަރުވިތާ މިއަދަށް ފަސް އަހަރުވެއްޖެ އެވެ.

ޝްރީ ދޭވީ މަރުވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުގަ އެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނުނީ ދުބައިގެ ހޮޓެލެއްގެ ތެރެއިންނެވެ.

ހަމައެހެންމެ ޝްރީ ދޭވީ އާއި އޭނާގެ ފިރިމީހާ ބޯނީ ކަޕޫރުގެ ލޯބީގެ ވާހަކައަކީ މިއަދާ ހަމައަށްވެސް ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު ވާހަކަތަކުގެ ތެރެއިން އެއްވާހަކަ އެވެ.

އެގޮތުން ޝްރީދޭވީ މަރުވިތާ މިއަދަށް ފަސް އަހަރު ފުރުމާއި ގުޅިގެން އޭނާގެ ފިރިމީހާ ބޯނީ ކަޕޫރު ވަނީ އެދެމީހުންގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. އަދި އެ ފޮޓޯއަކީ އެދެމީހުން އެންމެ ފަހުން އެކީގައި ނެގި ފޮޓޯކަމަށް ބޯނީ ބުނެފައިވެ އެވެ.

ޝްރީދޭވީގެ މަރުގެ ހާދިސާ މިއަދާ ހަމައަށް ވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ. ގިނަ ބަޔަކު ތުހުމަތުކުރަނީ ބަޔަކު ނުވަތަ ބޯނީ ޝްރީދޭވީ މަރާލީ ކަމަށެވެ.

ޝްރީދޭވީ އަކީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ކާމިޔާބު ފިލްމުތަކެއް ބޭލުންތެރިންނާ ހަމައަށް ފޯރުކޮށްދިން ތަރިއެކެވެ. ޝްރީދޭވީ ވަނީ އޭނާގެ ހުނަރާއި ރީތިކަމުން ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.