އިލެކްޓްރިކް ޝޮކް ދޭ ބަޑި ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.
މިއީ ދިވެހި ފުލުހުން މިފަދަ ހަތިޔާރެއް ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
އިލެކްޓްރިކް ޝޮކް ދޭ ބަޑި ފުލުހުން ބޭނުންކުރަން ފެށިއިރު މިދުވަސްވަރު މާލެ ސަރަހައްދުގައި ގޭންގްތަކުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މިންވަރު ވަނީ އިތުރުވެފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޭޒާ ގަން ފުލުހުން މިއަދު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
"ހައި ވިޒިބިލިޓީ ޕޮލިސިންގެ ޓީމުތަކާއެކު ކުރިއަށްގެންދާ އެނާޖީ ވެޕަން (ޓޭސަރު)ބޭނުންކުރަން މިއަދު ވަނީ ފަށާފައި. ސާޖަންޓް އަދި އެއަށް ވުރެ މަތީ ރޭންކުގެ އޮފިސަރުންގެ ތެރެއިން ސެޓިފިކޭޝަން ތަމްރީނު ފުރިހަމަކޮށްފައިވާ އޮފިސަރުންނަށް ފުރަތަމަ ފަހަރަށް މި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ އިޚްތިޔާރު ވަނީ ދީފައި،" ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުހުންނަށް މިހާރަށްވުރެ ބޮޑެތި ބާރުތައް ލިބިދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކޮމިޝަނާ ހަމީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެގޮތުން ވިސްނުމަކީ އިލެކްޓްރިކް ޝޮކް ދޭ ބަޑި ބޭނުންކުރުން ކަމަށް ކޮމިޝަނަރު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ހިދުމަތްކުރަން ތިބޭއިރު، އެ ރައްޔިތުން ތިބޭ މާހައުލުގައި ކުށްތައް އާލާވަމުންދާ ނުވަތަ އަލަށް އުފެދެމުންދާ ކުށްތަކާއި އެ ކުށްތަކުގެ ނުރައްކާތެރިކަމާއި ކުށްކުރާ ފަރާތްތަކުގެ ނުރައްކާތެރިކަން، ހާއްސަކޮށް އެ މީހުންގެ ފަރާތުން ފެންނަ އަނިޔާވެރިކަމަށް ބަލާއިރު ލެސް ލީތަލް ނުވަތަ ކަރަންޓް ޝޮކް ދޭ ބަޑި ބޭނުންކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ފިސްތޯލަ ދިނުމާބެހޭ ގޮތުން ވާހަކަ ދައްވާފައެއް ނުވެ އެވެ.